ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަން ޝައުގުވެރިކަން ހުރޭ: ރައީސް ޔާމީން
ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އާ އަހަރާއި ގުޅިގެން ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ކުރީގެ ރައީސް ޔާމީން ވަނީ މި ބަސްދީގަތުމުގައި އެމަނިކުފާނުގެ ސިޔާސީ ކެރިއަރ ކުރިއަށް އޮތް ގޮތާއި މެދު ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކުރީގެ ރައީސުން މަޖިލީހަށް ކުރިމަތިލުމަކީ މައްސަލައެއް ނޫންކަމަށާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންފުޅުވާނަމަ އެއީ ކުރަން ރަނގަޅުކަމެއް ކަމަށެވެ.
އެމަނިކުފާނު ލ.އަތޮޅުގެ މަޖިލިސް ގޮނޑިއަކަށް ކުރިމަތިލައްވަފާނެކަމުގެ އަޑުފެތުރިފައިވުމުން އެކަމާއި މެދު ސުވާލުކުދެންނެވުމުން ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމާއި މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.
"އަޅުގަނޑު އެއަކަށް ގޮތެއްނުނިންމަން އިނގޭތޯ. އަޅުގަނޑުވެސް ޝައުގުވެރިކަން ހުންނަފަހަރުދޭ. މަޖިލިސްތެރޭގައި މަސައްކަތް ކޮށްލަން. އަޅުގަނޑަށް ޤާބޫލެއްނުކުރެވޭ މަޖިލިސް ތެރޭއެކުރެވޭ މަސައްކަތުގައި ސިޔާސީ މީހުން ނޫޅެންޖެހޭ ސަބަބެއް އޮތްކަމަށް"، ރައީސް ޔާމީން ވިދާޅުވިއެވެ.
މަޖިލީހަށް ކުރިމަތިލައްވައިފިނަމަ، ވާދަކުރައްވާނެ ދާއިރާ ވަގުތު ޖެހުމުން ހާމަކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް