ކޮންގްރެސް ޕާޓީގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންސްގްރެސް (ޕީއެންސީގެ) ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފިއެވެ.
ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީގެ މެންބަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެފައިވަނީ ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީގެ ފަރާތުން ފުރަތަމަ ބައްދަލުވުން ބާއްވާފައިވާކަމަށާއި، އެބައްދަލުވުމުގައި ޕާޓީގެ ސެކެރަޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ތޮލާލް ހަމަޖައްސާފައިވާކަމަށެވެ. އަދި އޭގެ އިތުރުން ޕާޓީގެ ރަޖިސްޓްރާ ކަމަށް ގީލާ އަލީ ކަނޑައަޅާފައިވާ ކަމަށްވެސް މުންދު ވިދާޅުވެފައިވެއެވެ.
ޕީއެންސީގެ ބައެއް މަގާމުތަކަށް މީހުން ހަމަޖައްސާފައިވާއިރު، އެޕާޓީގެ ވަގުތީ ރައީސަކަށް އަބްދުލް ރަހީމް އަބްދުﷲ ވަނީ އައްޔަން ކުރައްވާފައެވެ. އޭގެ އިތުރުން ނައިބު ރައީސުންގެ މަޤާމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވަނީ އައްޔަންކުރައްވާފައެވެ
އެޕާޓީގެ ބައެއް މަގާމުތަކަށް ވަގުތީ ގޮތުން ބޭފުޅުން ހަމަޖައްސާފައިވާއިރު، އެޕާޓީ ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ ބާއްވާފައިވަނީ ފާއިތުވި އާދީއްތަ ދުވަހުގެ ރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް