ލުތުފީ ގެންނަން 24 ގަޑިއިރުވެސް ނުނަގާނެ، ލިޔެކިއުން ހަމަނުވާކަމަށް ބުނަނީ ރައްޔިތުން ގުނބޯ ހައްދަން: މުންދު
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރިއެއްގެ ގޮތުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް 24 ގަޑިއިރުވެސް ނުނަގާނެ ކަމަށާއި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ލިޔެކިޔުންތައް ހަމަކުރަން ލަސްތަކެއް ނުވާނެ ކަމަށް ކުރީގެ ސަރުކާރުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ޗެނަލް ތާޓީންގެ ރޭގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ބޭރުގައި ހުންނަ ދިވެހި އެމްބަސީއެއްގައި ކުށްވެރިއަކު ބަހައްޓަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބެހެއްޓޭނެ އުސޫލުތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް ކުށްވެރިއަކު މަސް ދެމަސް ވަންދެން އެމްބަސީގައި ގެންގުޅެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ސީއައިޑީން ދިވެހި ސަފީރާ އަބަދުވެސް ކަންކަމުގައި މަޝްވަރާކުރާ ކަމަށެވެ. އަދި ކުށްވެރިއަކު ހިފެހެއްޓި ނަމަވެސް މައުލޫމާތެއް ފުލުހުންނަށް ލިބުނު ކަމުގައި ވިޔަސް އެވަގުތަކު ސަފީރަކަށް ހުންނަވާ ބޭފުޅަކާ ހިއްސާކުރައްވާކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލިޔެކިއުންތައް ފުރިހަމަ ނުވާތީ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އެއީ ރައްޔިތުން ގުނބޯ ހައްދަން ދައްކާ ވާހަކަ އެއް ކަމަށެވެ.
އަދި ކޮމަންވެލްތުން ރާއްޖެ ވަކިވެފައި އޮތް ނަމަވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުންދާ ކުށްވެރިއަކު ގައުމަށް ފޮނުވާލުމަށް ބޮޑެތި ހުރަސްތަކެއް ނުހުންނާނެ ކަމަށް ލަންކާގެ ސަފީރުކަމާއި ޗައިނާގެ ސަފީރުކަން ވެސް ކުރެއްވި މުންދު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ލުތުފީގެ މައްސަލައަކީ ކުށްވެރިން ބަދަލުކުރުމުގެ މައްސަލައެއް ނޫން ކަމަށާއި އަދި އެއީ ރާއްޖެއާއި ލަންކާއާއި ދެމެދު އޮންނަ ބައިލެކްޓަރަލް އެއްބަސްވުމަކާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.
މުންދު ވިދާޅުވީ ލުތުފީއަކީ ހުކުމުގެ މުއްދަތު ބާކީ އޮއްވައި ފިލައިގެން ދިޔަ މީހެއް ކަމަށާއި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.
ފޮޓޯ: ވަގުތު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް