އެސްޓީއޯގެ ތެޔޮބޯޓު އަދިވެސް ފުން ނުކުރެވޭ: އެމްއެންޑީއެފް
ކ. ކާށިދޫ ނެރުމައްޗައް އަރާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮބޯޓް އަދިވެސް ފުން ނުކުރެވޭކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.
"މާތޮޅި ބާޖު" ނަމަކަށް ކިޔާ ތެޔޮބޯޓު ފުންކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފުން ނުކުރެވޭކަމަށާއި ސިފައިންނާއި ވެރިފަރާތުން ވިޔަވަރަށް ބަލައިގެން ބާޖު ފުން ކުރުމުގެ މަސައްކަތް ކުރަމުންދެންދާ ކަމަށް އެމްއެންޑީއެފް މީޑީއާ އޮފިޝަލް އާޒިމް މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ބާޖުގައި އަދިވެސް އެއްލައްކަ ލީޓަރުގެ ތެޔޮ ހުރިކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ. ބާޖުގައި ހުރި ތެޔޮ ހުސްކުރުމުގެ މަސައްކަތް ބާޖުގެ ވެރިފަރާތުން އެހެން އުޅަނދުތައް ބޭނުންކޮށްގެން ކުރަމުންގެންދާ ކަމަށްވެސް އާޒިމް މައުލޫމާތު ދެއްވައެވެ.
އެބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މޭމަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސި 6:45 ގައެވެ. އެ ބޯޓުގައި 180،000 ލިޓަރުގެ ޑީސަލް އާއި 27،000 ލިޓަރުގެ ޕެޓްރޯލް ހުރި ކަމަށާއި އެހާދިސާ ހިނގިއިރު ބޯޓްގައި ހަ ދިވެހިން ތިބި ކަމަށް އެމްއެންޑިއެފްއިން ކުރިންވަނީ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް