އިންޑިއާގެ ބޮޑުވަޒީރަށް ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފި އެވެ.
މިރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ބޮޑުވަޒީރު މޯދީއަށް މަރްޙަބާ ދެންނެވުމުގެގޮތުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.

މިރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު މޯދީއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި އިންޑިއާ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް