އިންޑިޔާއިން ބަހައްޓާ ގާތްކަން ރާއްޖެއިން ބަލައިގަންނަން: ނައިބު ރައީސް
އިންޑިޔާއިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ރާއްޖެއާއި، ސަރުކާރުން ބަލައިގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އިންޑިއާއިން ބަހައްޓަވާ ގާތްކަން ރާއްޖެއިން އަދި މި ސަރުކާރުން ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމަށް ފައިދާ ވާނެފަދަ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ޤައުމެއްގެ ގުޅުން އޮންނަ މިންވަރަށް ނޫންކަމަށާއި، އެގުޅުމަކީ އެއަށް ވުރެ މާ ގާތް ގުޅުމެއް ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ދެޤައުމުގެ ގުޅުން ބިނާވެގެން ގޮސްފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ޤައުމުން ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށާއި، ޒަމާންވީ އާދަކާދަތަކުގެ މައްޗަށާއި، އެއްޤައުމުން ކުރާ ކަންތައްތައް އަނެއްޤައުމުން ބަލައިގަންނަމުންދާ މިންވަރުގެ މައްޗަށްކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް