މިސްރާބު ޖަހާފައި މިހުރީ ސިއްހީ ނިޒާމުގެ މައި ތަނބު އަލުން ނަގައި ކޮޅަށް ޖަހަން: އަމީނު
ރާއްޖޭގެ ސިއްހީ ނިޒާމުގެ މައި ތަނބު އަލުން ނަގައި ކޮޅަށް ޖަހަން ސަރުކާރުން މިސްރާބު ޖަހާފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާގެ ސިއްހީ ސިޔާސަތުގައި މިއަހަރަށް ކަނޑައެޅުއްވި ލަނޑުދަނޑިތަކުގެ އެއްއަމާޒަކީ ދިވެހިރައްޔިތުން ސިއްހީ ޚިދުމަތްހޯދުމަށް ކުރަންޖެހޭ ހޭދައާއި ތަކުލީފް ކުޑަކުރުން ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ވަރުގަދަ ޕަބްލިކް ހެލްތު ނިޒާމަކާއެކު އަތޮޅު ނުވަތަ ސަރަހައްދީ ފެންވަރުގެ ޒަމާނީ ފަރުވާގެ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެއީ ބުރަ އުނދަގޫ މަސައްކަތެއް ކަމުގައިވިޔަސް އެ ހިސާބަށް ރާއްޖޭގެ ސިއްހީ ނިޒާމު ގެންގޮސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މާލެއިން ސިއްޙީ ހިދުމަތް ހޯދުމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސިއްޙީ މައުލޫމާތުތައް ދިރާސާކުރެވި، ޚިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، ޚިދުމަތް ހޯދުމަށް މާލެދާންޖެހޭ ސަބަބުތައް ދެނެގަނެ، އެ ޚިދުމަތްތައް ސަރަހައްދުތަކުގައި ގާއިމްކުރުމަށް ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މިއަހަރު ނިމޭއިރު، އަތޮޅުތެރޭގެ ރައްޔިތުން ޚިދުމަތް ހޯދުމަށް މާލެ ދާންޖެހޭ މިންވަރު 50 އިންސައްތަ ދަށްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެންވަރުމަތިކުރުމުގެ ޚާއްސަ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 5 ސަރަހައްދުގައި ސިޓީ ސްކޭންގެ ޚިދުމަތް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު އަމީނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް