އިންޑިޔާގެ ރައްޔިތުކަމުގެ ގާނޫނަށް ގެނައި ބަދަލަށް މަހާތިރު ފާޑުވިދާޅުވެއްޖެ
އިންޑިޔާއިން ދާދިފަހުން އެގައުމުގެ ރައްޔިތުކަމުގެ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ޑރ.މަހާތިރު މުހައްމަދު ފާޑުވިދާޅުވެއްޖެއެވެ.
މި ބަދަލުތަކަށް އެބޭފުޅާ ފާޑުވިދާޅުވެފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގައި ބޭއްވި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.މަހާތިރު ވިދާޅުވީ ދާދިފަހުން ފާސްކުރެވުނު ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓްގެ ސަބަބުން މީހުން މަރުވަމުންދާކަމަށެވެ. އަދި ފާއިތުވި 70އަހަރު އިންޑިޔާގެ ރައްޔިތުން އެއްވެސް ހަމަނުޖެހުމެއް ނެތި އެކުއެކީގައި އުޅެމުންދާއިރު، މިފަދަ ގާނޫނެއް ގެނެސްފައިވަނީ ކީއްވެތޯ އެބޭފުޅާ ސުވާލުކުރެއްވިއެވެ.
މަހާތިރުވަނީ އިންޑިޔާފަދަ އަލްމާނީ ދައުލަތެއްކަމަށް ގަބޫލުކުރާ ދައުލަތަކުން ބައެއް މުސްލިމުންގެ ރައްޔިތުކަން ނަގަން ކުރާ މަަސައްކަތާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އިންޑިޔާގެ ރައްޔިތުކަމުގެ ގާނޫނަށް ގެނެވުނު ބަދަލުތައް ފާސްކުރުމާއި އެކު، އެގައުމުގެ އެކި ހިސާބުތަކުގައި ދަނީ މި ގާނޫނާއި ދެކޮޅަށް ގިނަބަޔަކު ވަނީ މަގުމައްޗަށް ނުކުމެފައެވެ. މި އިހުތިޖާޖުތައް ހޫނުވެ، ބައެއް ފަރާތްތަކަށް އަނިޔާވެ މަރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް