ރިޟްވާންގެ މައްސަލައިގައި އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވިފައި ނުވޭ: ފުލުހުން
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލައާއި ގުޅިގެން އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި ބުނީ ރިޟްވާންގެ އެކުވެރިންނާއި އާއިލާއިން ކުރަމުންދާ ހިތާމައިގައި ފުލުހުންވެސް ބައިވެރިވާ ކަމަށާއި، ރިޟްވާނަށް އިންސާފު ހޯދައިދިނުމުގައި އެފަރާތްތަކުން އުންމީދުކުރިފަދަ ޚިދުމަތެއް ފޯރުކޮށްދެވިފައި ނުވާތީ ހިތާމަކުރާ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ކޮމިޝަން އުފެދިގެން ދިއުމާއި އެކު ރިޟްވާންގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ހުރިހާ ހެއްކާއި ގަރީނާ ހިއްސާކޮށްފައިވާނެކަމަށެވެ. އަދި ކޮމިޝަންގެ ތަހުގީގަށް ފުލުހުން މެދުވެރިކޮށް އިތުރަށް ސާފުކުރަންް ބޭނުންވާ ކަންކަމާއި އޮޕަރޭޝަނަލް އެހީ ފޯރުކޮށްދެމުން ދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރިޟްވާންެގެ މައްސަަލައިގައި ކޮމިޝަނުން އިއްޔެ އާންމުކުރި މައުލޫމާތު ތަކުގައި ދެ ފުލުހެއްގެ މައްޗަށް ފާހަގަކޮށްފައިވާ ކަންކަން އެ ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލައި ފިޔަވަޅު އަޅާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
"އަދި މި މައްސަލާގައި ކޮމިޝަނުން ތަހުގީގުކޮށް ނިންމާ، މި މައްސަލާގެ ތަހުގީގު ރިޕޯޓް މި ސާވިސްއަށް ހަވާލުކުރުމުން މި ސާވިސްގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާއީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރަތާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް