އިދިކޮޅުގެ އެންމެ މުހިންމު ކަމަކީ އައިހެވަން މަޝްރޫއު ހިންގުން: ޝުޖާއު
ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އިދިކޮޅު ކޯލިޝަނުން އައިހެވަން މަޝްރޫއު ހިންގަން މަސައްކަތްކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގަން ސަރުކާރަށް ނޭނގޭ ކަމަށެވެ.
އެގޮތުން ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، އަތޮޅުތަކުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާނެ ކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހއ. އިވަންދޫގެ އުތުރުން އޮންނަ އިހަވަން ދިއްޕޮޅުގައި ހިންގަން ނިންމި އައިހެވަން މަޝްރޫއު ހިންގުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމަޝްރޫޢުއަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަން ނިންމައި، މަސައްކަތް ފެށުމަށް ހުރިހާ ކަމެއް ތައްުޔާރުކޮށްފައިވާ ތަނެއް ކަމަށާއި އެމަސައްކަތް މިސަރުކާރުން ހުއްޓުވީ ކަންކަން ކުރަން ނޭނގިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދަކީ އައިހެވަން. އެއީ އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށް ނިންމައި، އަމަލީ މަސައްކަތާ ހަމަޔަށް ގޮސް އޮއްވައި ސަރުކާރު ނިމިގެން މިދިޔައީ. ނަމަވެސް އެކަމަށްވެސް މިސަރުކާރުން މިހާރު ހަޑިއެއް ހާވައިފި.'' ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކައުންސިލު އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕީއެމް، ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކަށް ވޯޓު ދިނުމަށް ގޮވައިލައްވައިފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އައިހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރީ، ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ އެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.
މާސްޓަ ޕްލޭން ނިމޭއިރު އެތަނުގެ މަގުތައް ހަދާނެ ގޮތްތަކާއި ބަނދަރާއި އެއާޕޯޓް އޮންނާނެ ތަނާއި ފެހި ކުރާނެ ސަރަހައްދުތަކާއި ހުސް ބިމާއި އަދި އިންޑަސްޓްރިއަލް މަސައްކަތްކުރާނެ ސަރަހައްދުތައް ކަނޑައަޅާފައި ވެއެވެ.
އޭގެ ފަހުން އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތާއި ފީސިބިލީ ސްޓަޑީ ނިމިފައިވާ ކަން އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވަނީ 21 ފެބްރުއަރީ 2018 ގައެވެ.
އައިހެވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ ބޮޑު މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ. ނަމަވެސް ވެރިކަން ބަދަލުވި އިރު، އެތަނުގެ އަމަލީ މަސައްކަތް އޮތީ ނުފެށިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް