މިދިޔަ މަހު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް!
މިނިސްޓްރީ އޮފް ޖެންޑަރ، ފެެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް މިދިޔަ މަހުގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޖަނަވަރީ 2019ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 274 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 128 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ޖަނަވަރީ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 47 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.
•މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 48 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 28 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 21 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 7 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 21 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 4 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ރޭޕްކުރުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 1 މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ހިމެނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް