މި ސަރުކާރުން ނޮވެމްބަރު 3 ފާހަގައެއް ނުކުރާނެ: އުމަރު
މި ސަރުކާރުން ނޮވެމްބަރު 3 ފާހަގައެއް ނުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އެފަދައިން ވިދާޅުވީ ސަލްސާ ރޯޔަލްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށް ބުނެފައި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެންމެ ބޮޑު އަނިޔާވެރިޔާ، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަށް ހިމާޔަތް ދިން ކަން އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުގެ ބައެއް ވަޒީރުން، ނަސްރުގެ ދުވަހާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަށްވެސް އުމަރު ރައްދު ދެއްވިއެވެ. އެގޮތުން ނޮވެމްބަރު 3ގައި ދިވެހިން ސަލާމަތް ކުރީ އިންޑިއާ ސިފައިން ކަމަށް ބުނާ ވާހަކައަށް އުމަރު ވަނީ ރައްދު ދެއްވާފައެވެ.
"އިންޑިއާ ސިފައިންނެއް ދުޝްމަނުންނަކާ ހަނގުރާމައެއް ނުކުރޭ. އިންޑިއާ ސިފައިންގެ މީހަކު އެދުވަހު މަރެއް ނުވޭ" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ނޮވެމްބަރު 3ގައި ދިވެހި ސިފައިން ނިދާފައި ތިބި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށާއި އެއީވެސް ދޮގެއް ކަމަށެވެ. އެގޮތުން، އެދުވަހު ދިވެހި ސިފައިން ނިދާފައި ތިބި ނަމަ، ދުޝްމަނުން ފަތިހުގެ ވަގުތެއްގައި އައުމުން ހަމަލާ ނުދެވުނީސް ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް