މުޒާހަރާއަށް ސަރުކާރުން ދަނީ ހުރަަސްއަޅަމުން: ޕީޕީއެމް
މިރޭ ކުރިއަށްދާ އިދިކޮޅުގެ މުޒާހަރާއަށް ސަރުކާރުން ދަނީ ހުރަަސްއަޅަމުންކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
މުޒާހަރާގެ ތެރޭގައި ހުންނަވާ ޗެނަލް13 އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ މުޒާހަރާ އެންމެ ފުރަތަަމަ ކުރިއަށްދިޔަ ކާނިވާ ސަރަހައްދުން ކަރަންޓް ކަނޑާލެވުނުކަމަށެވެ.
އަދި ކަރަންޓް ނެގޭނެ ގޮތެއް ނެތުމުން އެ ތަނުގައި މުޒާހަރާ ކުރިއަށްދިޔައީ ހެޔޮއެދޭ ފަރާތަކުންދިން ޖެނެރޭޓަރެއްގެ އެހީގައިކަމަށް ނިހާން ފާހަގަކުރެއްވިއެވެ. އަދި ޓީވީ ސްޓޭޝަންތަކުންވެސް ލައިވްކުރަން ޖެހުނީ އެ ޖެނެރޭޓަރުގެ އެހީގައިކަމަށާއި މިއީ މުޒާހަރާގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރިކަމެއްގެ ގޮތުގައި ނިހާން ވަނީ ސިފަކުރައްވާފައެވެ.
އަދި މި ސަރުކާރުން ކުރާ މިފަދަ ޖެއްސުމަކުން ޕީޕީއެމްގެ ހިތްވަރަށް ބަދަލެއް ނާާންނާނެކަމަށް ނިހާން ވަނީ ބުނެފައެވެ.
މިރޭގެ މުޒާހަރާގައި ޕީޕީއެމް އަދި ޕީއެންސީގެ އިސްފަރާތްތަކުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި، މިއީ އަނިޔާވެރި ސަރުކާރެއްކަމަށްބުނެ ޝުއޫރުފާޅުކޮށްފައެވެ.
މި އެއްވުމަށް ހުރަސްއެޅުމަށް ފުލުހުން އެއްވެސް މިންވަރަކަށް ހަރަކާތްތެރިވަމުން ނުދާކަން ފާހަަގަކޮށްލެވެއެވެ. ފާާއިތުވެދިޔަ ސަރުކާރުގައި އިިދިކޮޅުން މަގުމަތީގައި ހިންގި ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން މަަސައްކަތް ކުރިއިރު، މި ސަރުކާރުން އެކަން ނުކުރަނީ ޑިމޮކްރަސީގެ މިސާލު ދެއްކުމަށްކަމަށްބުނެ ސޯޝަލް މީޑިޔާގައި ގިނަ ފަރާތްތަކުން ދަނީ ޝުއޫރުފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް