ރާއްޖެއިން އަންނަ އަހަރު ކޮމަންވެލްތާއި ގުޅޭނެ!
އަންނަ އަހަރުގެ ތެރޭގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅުމުގެ ކަންކަން ނިމޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.
މިނިސްޓަރ މިކަން އިއުލާންކުރެއްވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމަންވެލްތްގެ އުސޫލު އޮންނަގޮތުން މެންބަރަކަށް ވެވޭނީ، ކޮމަންވެލްތްެގެ ގައުުމުތަކުގެ ވެރިންގެ ބައްދަލުވުމުން ފާސްވެގެންކަމަށެވެ. އަދި ކޮމަންވެލްތްގެ ވެރިންގެ ބައްދަލުވުމެއް އެންމެ އަވަހަށް އޮތީ އަންނަ އަހަރުގެ ޖުލައި މަހު، ރުވަންޑާގައިކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އިނގިރޭސި ވިލާތާއި، ކޮމަންވެލްތް މެންބަރު ބައެއް ގައުމުތަކުގެ ސަރުކާރުތަކާއެކު ކުރެއްވި މަޝްވަރާތަކުގައި، ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް އަވަހަށް ލިބެންޖެހޭކަން އެގައުމުތަކުންވެސް ގަބޫލުކުރައްވާކަމަށާއި އެކަމުގެ މަޝްވަރާތައް އަދިވެސް ކުރިއަަށްދާކަމަށެވެ.
އަދި ކޮމަންވެލްތުގެ ވަފުދުން ރާއްޖެއަށް ދާދިފަހުން ކުރި ޒިޔާރަތުގައި އެކުލަވާލި ރިޕޯޓް ސެކްރެޓަރީ ޖެނަރަލްގެ އަތްޕުޅަށް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދެން ކޮމަންވެލްތުގެ އުސޫލުތަކުގެ ތެރެގައި މިކަން ހިނގާކަމަށް ވިއަސް މިއަންނަ އަހަރުގެ ޖުލައިމަހު ރުވަންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ރަސްމީގޮތުން މެންބަރަކަށްވާނެ"، ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް