ކޯޓުތަކަށް ކިޔާ ނަންތައް ސްޓޭންޑަރޑައިޒް ކުރުމަށް ނެރުނު އިއުލާނު ބާތިލް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ރަސްމީކޮށް ކިޔާ ނަންތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު އިއުލާނު ބާތިލްކޮށްފިއެވެ.
ޖޭއެސްސީން މިދިޔަ ބްރާސްފަތި ދުވަހު ނެރުނު މި އިއުލާނުގައި ވަނީ، ކޯޓުތަކަށް ރަސްމީކޮށް ކިޔާ ނަންތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމުގައި ސްޓޭންޑަރޑައިޒް ކުރުމުގެ ބޭނުމުގައި ނަންތައް ލިޔެފައި ހުންނަންވާގޮތް ބަޔާންކޮށްފައެވެ. އެ އިއުލާނު ބާތިލްކުރީ ކީއްވެގެންކަމެއް ޖޭއެސްސީއަކުން ނުބުނެއެވެ.
ޖޭއެސްސީން ކުރި އެ އިއުލާނުގައި ސިޓީތަކުގައި ހުންނަ މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންކުރާ ނަމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަތޮޅުގެ ނަމުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުވައްމުލައް ސިޓީ، އައްޑޫސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ މެޖިސްޓްރޭޓް ކޯޓުތަކަށް ސްޓޭންޑަރޑައިޒް ނަން ހަމަޖައްސާފައިވަނީ އަތޮޅު ކުރިއަށް ލައިގެންނެވެ.

ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ޤާނޫނީގޮތުން އަތޮޅެއް ސިޓީއަކަށް ބަދަލުވެއްޖެ، ނަމަ ދެން އެ ސިޓީއެއްގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށް މުހާތަބުކުރަން ޖެހޭނީ ސިޓީގެ ނަން ހިމަނައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް