''ދާއިމީ އެޑްރެސް ނުދިނަސް ޓެކްސީ ފޮނުވައިދެން، މިތިބީ ރައްޔިތުންގެ ހިދުމަތުގައި''
ދާއިމީ އެޑްރެސް ނުދިނަސް، މިހާރެކޭ އެއް އުސޫލުން ޓެކްސީ ފޮނުވައިދޭނެ ކަމަށް ޑަޔަލް ކެބް ސެންޓަރުން ބުނެފިއެވެ.
ޑަޔަލް ކެބް ސެންޓަރުން މިހެން ބުނެފައިވަނީ، ޓެކްސީ ޑްރައިވަރަކަށް ވަޅިން ހަމަލާދީ، މަރައިލި މައްސަލައިގައި އެސެންޓަރުން ދާއިމީ އެޑްރެސް ނުދޭ ގޭގެއަށް ޓެކްސީ ފޮނުވައި ނުދޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައާއި ގުޅިގެންނެވެ.
''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޑަޔަލް ކެބް ސެންޓަރުގެ އޮޕަރޭޓަރު މިރޭ ބުނީ، ޓެކްސީ ހޯދަން ގުޅުމުން ދާއިމީ އެޑްރެސް ބުނެދޭން ޖެހޭ ގޮތަށް އެސެންޓަރުން ނިންމާފައި ނުވާނެ ކަމަށެވެ.
ޑަޔަލް ކެބް ސެންޓަރާއި ނިއު ޓެކްސީ ސެންޓަރު ހިންގަމުންދާ އޮޕަރޭޓަރު ބުނީ، އެދެ ސެންޓަރުން މީގެކުރިން ހިދުމަތް ދިން ގޮތަށް މިހާރުވެސް ހިދުމަތް ދެމުންދާ ކަމަށެވެ. އެޑްރެސް ދޭން އެއްވެސް ފަރާތަކަށް މަޖުބޫރު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ދެސެންޓަރުންވެސް މަސައްކަތް ކުރަނީ އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށެވެ.
ރޭ ހުޅުމާލެއަށް ދަތުރެއް ކުރި ޓެކްސީއަކަށް އެރި ބަޔަކު، ޑްރައިވަރަކަށް ވަޅިން ހަމަލާދީ މަރައިލުމާއި ގުޅިގެން، ޓެކްސީ ސެންޓަރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް