ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުން މުހިންމެއް ނޫން: ރައީސް ސޯލިހު
ސަރުކާރަށް މިވަގުތަށް މުހިންމީ، ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުން ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.
ފަތުރުވެރިކަމުގެ ހަރަކާތްތައް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނން ރައީސް ސޯލިހު ވިދާޅުވީ، ދެވެން އޮތް ލުޔެއް ދީގެންވިޔަސް، ވީހާ އަވަހަކަށް މަސައްކަތް ހުއްޓިފައިވާ ރަށްތައް ހުޅުވޭނެގޮތްވުން މާ މުހިންމު ކަމަށެވެ.
ފަތުރުވެރިކަން ކުރިއެރުވޭނީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ޙައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ޙައްލުކޮށް މި ޞިނާޢަތު ކުރިއެރުވުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަށު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް، މުޅިން އައު ނިންމުމމެއް ނިންމާފައިވާ ކަމަށެވެ. އެއީ މީހުން ދިރިއުޅޭ، ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމެވެ.
"މިވަގުތު އަޅުގަނޑުމެން މި ނިންމީ 11 ރަށަކުން ބިން ދޫކުރުމަށް. އެއީ ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި، ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަޙައްދު" ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް