ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ޚާއްޞަ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު ޚާއްޞަ ގޮތެއްގައި ސަލާމަތީ ދާއިރާއާއި ވިޔަފާރި، ޞިއްޙީ، އަދި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދެޤައުމުގެ މެދުގައި މިހާރު ޤާއިމްކޮށްފައިވާ ގުޅުން ވަރުގަދަ ކުރެއްވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި މިހާރު ދެޤައުމުގެ ގުޅުން އޮތް ދާއިރާތަކާއި އިތުރަށް ގުޅުންބަދަހިކޮށް ފުޅާކުރެވިދާނެ ދާއިރާތަކާއި ގޮތްތަކާއިމެދު މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ދެއްވާ ޖާފަތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލުކޮށްލައްވަން ވަނީ ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރައްޔިތުންގެ ޝުއޫރުތަކާއި އެބޭފުޅުންނަށް ސިންގަޕޫރުގައި ދިމާވާ ގޮންޖެހުންތައް ޙިއްޞާކުރެއްވުމަށް ފުރުޞަތު ހުޅުވައިލެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ގެ މި ދަތުރުފުޅުގައި، އައި.އެސް.ޑީ ކައުންޓަރ- ޓެރަރިޒަމް ސެންޓަރ އަދި ސިންގަޕޫރުގެ ނެޝަނަލް އެންވަޔަރަންމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލް، އަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް