ފްރިޖަށް ނުލާންވީ ކާނާގެ ބާވަތްތައްވެސް ހުންނަކަން އެނގޭތަ؟ މިއީ އެ ބާވަތްތައް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކޮންމެ ގެއެއްގެ ބަދިގޭގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ފްރިޖެވެ. ކާނާ ތާޒާކޮށް ބެހެއްޓުމަށާއި، ކާނާ ހަލާކުވިޔަ ނުދިނުމަށް ވެސް ފްރިޖް މުހިންމު ރޯލެއް އަދާކުރެއެވެ. ނަމަވެސް ބައެއް މީހުން ބަދިގޭގައި ގެންގުޅޭ ހުރިހާ ތަކެއްޗެއް ފްރިޖަށް ލައި ރައްކާ ކުރާއިރު، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބައެއް ކާނާގެ ބާވަތްތައް އެ ރައްކާކުރަންޖެހޭ ގޮތް ނޫން އެހެން ގޮތްގޮތަށް ރައްކާކުރުމުން ސިއްހަތަށް ނުރައްކާވެސް ވެދާފަހަރު އާދެއެވެ.
އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ، ފްރިޖަށް ނުލާންވީ ކާނާގެ ބައެއް ބާވަތްތަކުގެ މައްޗަށެވެ.
އަލުވި
ރައްކާކުރަން އެންމެ ރަނގަޅީ ރޫމް ޓެމްޕަރޭޗާގައި، ބަދިގޭގައި ހުންނަ ހިކި ތަނެއްގައެވެ. ފިނި ތަންތަނުގައި އަލުވި ބެހެއްޓުމުން އޭގައި ހުންނަ ސްޓާޗް، ހަކުރަށް ބަދަލުވުން ވަރަށް އަވަސްވެއެވެ. މިއީ އާލުވިގެ ރަހައާއި ޓެކްސްޗާއަށް ވަރަށް ބޮޑަށް އަސަރުކުރުވާ ކަމެކެވެ. އެހެންކަމުން އަލުވި ފްރިޖަށް ނުލުމަކީ އެ ގިނަ ދުވަހަށް ދެމެހެއްޓުމަށާއި، ހަރުވިޔަ ނުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ދޮންކެޔޮ އަދި މެލަން
ދޮންކެޔޮލާއި މެލަން އަކީ އެ ފްރިޖަށްލައި ފިނިކުރުމުން ވަރަށް އަވަހަށް ހަލާކުވާ އެއްޗެއްސެވެ. މިތަކެތި ރައްކާކުރަން އެންމެ ރަނގަޅީ ގޭތެރޭގެ އާދައިގެ ހޫނުމިނުގައި ބެހެއްޓުމެވެ.
ބެސިލް
ބެސިލްއަކީ ކާބޯތަކެތީގެ ރަހަ މީރުކޮށްދޭ ފަތެކެވެ. އެފަތް، ފްރިޖަށް ލުމުން އަވަހަށް މޯޅިވެ، ކަޅުވާން ފަށައެވެ. ބެސިލް ރައްކާތެރިކޮށް ބެހެއްޓުމަށް އެންމެ ރަނގަޅީ، ފުޅިއަކަށް ފެން އެޅުމަށްފަހު، ފުޅީ ތެރޭގައި މާ ބަހައްޓާ ގޮތަށް ގޭތެރޭގެ އާދައިގެ ހޫނުމިނުގައި ބެހެއްޓުމެވެ. މިއީ ބެސިލް ތާޒާކޮށް ގިނަ ދުވަހަށް ދެމެހެއްޓޭނެ ގޮތެކެވެ.
ފިޔާ
ފިޔާއަށް އެންމެ އެންމެ ރަނގަޅީ ގޭތެރޭގައި ހުންނަ އާދައިގެ މިންވަރަށް ހޫނު މާހައުލެވެ. އެ ހަލާކުނުވެ ދެމިހުރުމަށް އެ ބަހައްޓަންވާނީ ރަނގަޅަށް ވައިދައުރުވާ ތަނެއްގައެވެ.
ފިޔާ ފްރިޖަށް ލުމުން އޭގެ ރަހައަށް ބަދަލު ގެނެސް ވަރަށް އަވަހަށް ހަލާކުވާން ފަށައެވެ.
ފިޔާ އާއި އަލުވިވެސް އެކީގައި ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެ ދެބާވަތް ކައިރީގައި ބެހެއްޓުމުން ފިޔާ ހަލާކުވުން އަވަސްވެއެވެ. ދެބާވަތްމެ ތާޒާކޮށް ބެހެއްޓުމަށްޓަކައި، ބަދިގޭގެ ވަކިވަކި ތަންތަނުގައި އެތަކެތި ބަހައްޓާށެވެ. ނަމަވެސް ފްރިޖަށް ނުލާށެވެ.
ހޮޓް ސޯސް
ގިނަ ހޮޓް ސޯސްތަކުގައި ހުންނަނީ ވެނިގަރ އާއި ޕްރިޒަވޭޓިވްސްއެވެ. މީގެ ސަބަބުން މޯލްޑް އަދި ބެކްޓީރިއާ އުފެދުން ހުއްޓުވައެވެ. ފްރިޖްގައި ބެހެއްޓުމުން އެތަކެތި ހަލާކުނުވި ކަމުގައި ވިޔަސް، އެއީ އެ ސޯސްތައް ބޮޑަށް ތަތްވެ، އޭގެ ރަހަ ކުޑަކުރުވާ ކަމެކެވެ. ސޯސްތަކުގެ ރަހަ ރަނގަޅަށް ދެމެހެއްޓުމަށްޓަކައި، ބަދިގޭގެ ކައުންޓަރު މަތީގައި ބަހައްޓާށެވެ. އޭރުން އެ ސޯސްތަކުގެ އަސްލު ރަހަ ފެންނާނެއެވެ.
ޕާން
ޕާން ފްރިޖްގައި ބެހެއްޓުމުން ޕާން އަވަހަށް ހަރުވެ، ހަލާކުވެއެވެ. ފިނިވައިގެ ސަބަބުން ޕާން ހަރުވުމުގެ މަރުހަލާ އަވަސްވެ، އޭގެ ތާޒާކަން ކުޑަވެއެވެ.
ތެޔޮ
ފިނި މާހައުލެއްގައި ތެޔޮ ހަރުވެއެވެ. ހަށިގަނޑަށް ފައިދާހުރި ތެޔޮ ކާނާއަށް އެއްކުރުމަކީ ރަނގަޅު ކަމެއް ނަމަވެސް، ތެޔޮ ފްރިޖްގައި ބެހެއްޓުމުން އޭގެ ތާޒާކަން ގެއްލެއެވެ.
މަސްދަޅު
މަސްދަޅު ކެނޑުމަށްފަހު އަދި ނުކަޑައި ވިޔަސް، ފްރިޖަށްލާފައި ބެހެއްޓުމަކީ އޭގެ ރަހައާއި ޓެކްސްޗާއަށް ބަދަލުތައް ގެންނަ ކަމެކެވެ. އެހެންކަމުން މަސްދަޅު ކަނޑައިފިނަމަ، ވީހާވެސް އަވަހަށް އެ ދަޅު ހުސްކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެކަން ނުވާނަމަ ރޫމް ޓެންޕަރޭޗާގައި ބަހައްޓާށެވެ.
ކިޔުކަންބާ އާއި ޓޮމާޓޯ
ފިނިކުރުމަކީ ކިޔުކަންބާ އަދި ޓޮމާޓޯވެސް އަވަހަށް ހަލާކުވާ ކަމެކެވެ. ރަނގަޅު ގޮތަކީ ރޫމް ޓެންޕަރޭޗާގައި މިތަކެތިވެސް ރައްކާކުރުމެވެ. ފިނިކޮށް އެ ބޭނުންކުރަން ބޭނުންވާ ނަމަ، ކެއުމުގެ ގަޑިއިރެއް ކުރީން ފްރިޖަށްލައި ފިނި ކުރާށެވެ. ނަމަވެސް މާ ގިނަ ދުވަސް ވަންދެން ފްރިޖުގައި ބެހެއްޓުމުން ވާނީ ހަލާކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް