އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީ: އެމެޖެންސީ ސާވިސަސްގެ ޑްރިލެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް އެމެޖެންސީ ސާވިސަސްގެ ފަރާތުން އެއާޕޯޓު އާ ފަސިންޖާ ޓާމިނަލް އޮޕަރޭޝަނަލައިޒް ކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލް އެއް ކުރިއަށް ގެންގޮސްފި އެވެ.
މި ޑްރިލް ގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަނީ ޓެސްޓް ކޮށްފަ އެވެ.
އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެންބިއުލަންސް މެދުވެރިކޮށް އަވަސްފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެވި، އެކަންކަން ޔަގީން ކުރެވިފައިވެ އެވެ.

މިއީ ބައިނަލްއަގްވާމީ ގޮތުން ބަލާ ފަޔާ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔާ އެންޑް ސޭފްޓީގެ ހިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލް އެއްކަން އެމަޖެންސީ ސާވިސަސްގެ ތެރެއިން ކަށަވަރު ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ޑްރިލް އަކީ، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީ ގައި ބޭރަށް ނެރެން ޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއް ކަމަށް ވެސް އެމަޖެންސީ ސާވިސަސް އިން ބުނެ އެވެ.

މިއީ އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރާކާތު ގައި ޓާމިނަލް ގައި ހަރަކާތްތެރިވާނެ ފަޔާ ވާޑެންސްގެ ހަރަކާތްތައް ވެސް ބަލައި ޓެސްޓް ކޮށްފައިވެ އެވެ.
އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ވަނީ ފަޔާ ވާޑެންގެ ގޮތުގައި ތަމްރީން ކޮށްފަ އެވެ.
އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ އެއާޕޯޓުގެ ހިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ހިދުމަތެއް ފޯރުކޮށް ދިނުމަށް އެ ކުންްފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް