އަހަރެންނަކީ ދީން ގަބޫލު ނުކުރާ މީހެއް ނޫން: ރިލްވާން
އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ނޫން ކަމަށް ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އޭނާއަށް މަރުގެ އިންޒާރު ދިން މީހުން ކައިރީ ބުނި ކަމަށް މަރުތައް ބަލާ ކޮމިޝަނުން ބުނެފިއެވެ.
މަރުތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ހަނގުރާމަވެރިންގެ މީޑިއާ ގްރޫޕު، ބިލާދުއްޝާމްގެ ފޭސްބުކް ޕޭޖުގެ އެޑްމިން އަބޫ ދުޖާނާ މާލްދީފީ ރިލްވާނަށް މަރުގެ އިންޒާރު ދިން ކަމަށާއި އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނި ކަމަށެވެ.
އަދި އޭނާއަށް ރައްދު ދެމުން، ރިލްވާނަކީ ދީން ގަބޫލު ކުރާ މީހެއް ކަމަށާއި، ދުވަހަކުވެސް ރަސޫލާއަށް ފުރައްސާރަ ކޮށްފައިނުވާނެ ކަމަށް، ރިލްވާން އަބޫ ދުޖާނާއަށް ކުރި މެސެޖެއްގައި ބުނި ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އަހަރެންގެ ގެ ހޯދައިގެން ގެއަށް ގޮސް، އަހަރެންގެ މަންމައާއި ދައްތަމެންނާއި އަހަރެންގެ ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރާ މީހުންކުރެ ކައިރީގައި އަހަރެން ނަމާދު ކުރޭތޯއާއި ރޯދަ ހިފާތޯ ބަލާށެވެ. ސަލަފީ ހިޔާލުތަކާ އަހަރެން ދެކޮޅު ހަދާތީ ފިތުނަ އުފައްދަން ބޭނުންވާ ނަމަ، އަހަރެންނަކީ ލާދީނީ މީހެކޭ ކިޔަންޏާ ކިޔާށެވެ. އެހެންނަމަވެސް އަހަރެންނަކީ ދީން ގަބޫލު ނުކުރާ މީހެކޭ ނުކކިޔާށެވެ. އަހަރެންނަކީ ޖިހާދީއެކެވެ. އަދި އެއް އިރެއްގައި އަހަރެން ދީނާމެދު ޝައްކު ކުރީމެވެ. ނަމަވެސް އެއީ މީގެ ފަހެއް ނުވަތަ ހަ އަހަރު ކުރިިއެވެ. ނަމަވެސް އޭރުވެސް ރަސޫލާއަށް އަދި ޤުރުއާނަށް އަހަރެން ފުރައްސާރަ ކޮށްފައެއް ނުވާނެއެވެ. އަހަރެން އެފަދަ ކަމެއް ކޮށްފައިވާނަމަ، އަހަރެން ކޮށްފައިވާ އެފަަދަ ކަމެއް ދެއްކުމަށް ކަލެއަށް ގޮންޖަހަމެވެ. އެހެންވީމަ ދޮގު ވާހަކަ ފެތުރުން ހުއްޓާލާށެވެ."
މިއީ އަބޫ ދުޖާންއަށް ރިލްވާން ފޮނުވި މެސެޖް ކަމަށް ހުސްނުއް ސުއޫދު ވިދާޅުވިއެވެ. އެމެސެޖުގެ ޖަވާބުގައި، 2014 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހު އަބޫ ދުޖާނާ ބުނި ކަމަށް ވަނީ "ކަލެއާ އަހަރުމެންނާ ދެމެދު އެއްވެސް އެއްބާރުލުމެއް ނޯންނާނެއެވެ. އެކަން ސާފު އެނގުމަކުން އެނގިގެން ހުންނާށެވެ. އަދި ކަލެއަށް އޮތީ ކުރު ދުވަސްތަކެކެވެ." މިހެންނެވެ
ސުއޫދު ވިދާޅުވީ ރިލްވާނަށް މަރުގެ އިންޒާރު ދިނީ އޭނާ 2014 ވަނަ އަހަރުގެ މެއިމަހުގެ ފަހެއް، އަދި 27 ވަނަ ދުވަހު ލިޔުނު ލިޔުންތަކެއްގެ ސަބަބުން ކަމަށެވެ.
ސުއޫދު ވިދާޅުވީ ރިލްވާންގެ ފްލެޓް ކައިރިން ކާރަކަށް އަރުވައިގެން، ޑިންގީއަކަށް އަރުވައިގެން ގެންގޮސް، ކަނޑުގެ އުޅަނދެއްގައި މަރާލި ކަމަށެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރިޟްވާން މަރާލީ ކަރުގައި ދާގަނޑެއް އޮޅާލައިގެން ކަމަށް ތަހުގީގުގައި ބައެއް މީހުން ބުނެފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވި ގޮތުގައި ރިޟްވާން މަރާލަން އުޅުމުން ޝަހާދަތް ކިޔުމުން އޭނާ މަރާލުމާއި މެދު ޚިޔާލު ތަފާތުވިއެވެ. ނަމަވެސް އެ ހެކިބަހުގައި ފުށު އެރުންތަކެއް ހުރިކަމަށް ސުއޫދު ވިދާޅުވިއެވެ.
ރިޟްވާން މަރާލުމަށް އެރުވި ކަނޑުގެ އުޅަނދުގެ ވެރިޔާވެސް ހޯދިފައިވާކަމަށް ސުއޫދު ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް