އައިއެސް އަށް ތާއީދުކުރާ މީހަކު މިސަރުކާރުން ފަނޑިޔާރު ގެޔަށް ލައިފި: ޖާބިރު
އައިއެސް އަށް ތާއީދުކުރާ މީހަކު މިސަރުކާރުން ފަނޑިޔާރުގެޔަށް ލައިފި ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އިންކަމް ޓެކްސްގެ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކައިގައި ޖާބިރު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ހުސްނުއްސުއޫދަށް މަޖިލީހުން ރުހުންދީފައިވާ މައްސަލަ ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ނަމުގައި ސުޕްރީމް ކޯޓަށް އައިއެސް ގެ މީހަކު ލައިފި ކަމަށާއި އެކަމާ ވަރަށް ބިރު ގަންނަ ކަމަށެވެ.
''އެއްގޮތަކަށްވެސް އަޅުގަނޑުމެން ހުއްދައެއް ނުދޭނަން އިންކަމް ޓެކްސް ނަގާކަށް. ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ލާކަށް. އެކަން ހުއްޓުވާނަން. ކުރީގައި އަޅުގަނޑުގެ އަންހެނުން ލާން އުޅުނީމަ ބޭރުކޮށްލީ. އައިއެސް އަށް ތާއީދުކުރާ ކުއްޖަކު ފަނޑިޔާރުގެޔަށް ލައިގެން އަޅުގަނޑުމެން މިތިބީ ވަރަސް ބިރުން.'' ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ޖާބިރު ވިދާޅުވީ އިންކަމް ޓެކްސް ނަގަން ރާއްޖޭގެ ރައްޔިތުން ތިބީ ތައްޔާރަށް ނޫން ކަމަށާއި އިންކަމް ޓެކްސް ނުނަގައިވެސް ދައުލަތުގައި ހުރި ފައިސާއިން ގައުމު ހިންގޭނެ ކަމަށެވެ.
އެހާވަރަށް ރިޒާވުގައި ފައިސާ ހުރިކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، މިއީ ކަންކަން ކުރަން ނޭނގޭ ބޭފުޅުން ސަރުކާރު ހިންގަން ތިއްބެވުމުން ވަގޮތް ކަމަށެވެ. މިއަދު ދައުލަތުގެ ވަޒީރުންގެ ގޮތުގައިތިއްބެވީ ކުރިން ޑީއާރުޕީން ކަމު ނުގޮސްގެން ބޭރު ކުރި ބޭފުޅުން ކަމަސްވެސް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާ އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާކަމަށެވެ. ރާއްޖޭގައި އިންކަމް ޓެކްސް ނުނަގައި ''އަންޑަވޯޓާ ކެސީނޯ'' އެޅުމުން ޓެކްސް ނުނަގައި ގައުމު ހިންގޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް