ހަރުކަށި ޖަމާއަތްތަކުގެ އިސްވެރިންގެ މައްޗަށް ދައުވާކުރަން ހުށައަޅައިފި
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާކަމަށްބުނާ ހަރުކަށި ދެ ޖަމާއަތުގެ އިސްވެރިންނަށް ދައުވާކުރަން ހުށައަޅައިފިއެވެ.
މިކަން ވަނީ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ޔަގީންކޮށްދީފައެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑރ.އަފްރާޝީމް، ޔާމީން ރަޝީދު އަދި ރިޟްވާން މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިންކަމަށް ތުހުމަތުކުރެވޭ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެކަމަށެވެ.
މަރުތަކާއި ބެހޭ ކޮމިޝަނުން ތަހުގީގުކޮށްފައިވާާ މައްސަލަތަކުގެ ރިޕޯޓްގައި މި ފަރާތްތަކަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސް އަދި އަލްގައިދާއަށް ވާގިވެރިވާ ފަރާތްތައް ހިމެނޭ ޖަމާއަތުގެ އިސްވެރިންކަމަށް ބުނެފައިވެއެވެ.
މި ދެފަރާތަކީ ކުރިން އެކުގައި ޑޮޓް ޖަމާއަތުގައި މަސައްކަތްކުރި ދެ ފަރާތްކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް