ގައިދީން ހަތިޔާރު ގެންގުޅޭކަމަށް ތުހުމަތުކޮށް މާފުށީ ޖަލު ބަލައި ފާސްކުރަނީ
މާފުށީ ޖަލުގައި ހަތިޔާރު ގެންގުޅޭ ކަމަށް ތުހުމަަތުކުރެވޭތީ ޖަލުގެ ގޮޅިތައް ބަލައި ފާސްކުރަން ފަށައިފިއެވެ.
ޕްރިޒަންސް ކޮމިޝަނާ އަބްދުﷲ މުނާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޮޅިތައް ފާސްކުރަން ޖެހުނީ ޖަލު ބަންދުގައި ތިބި މީހުންނާއި ގައިދީން، ގޮޅިތަކުގައި ހުރި ކެމެރާތަކަށް ގެއްލުންދީ، އޮފިސަރުންނަށް ހަމަލާ ދެމުންދާތީއެވެ.
އަދި ބަލައި ފާސްކުރަމުންދަނީ އެޗްއާރުސީއެމްގެ މުވައްޒަފުންނާއި އިންސްޕެކްޓާ އޮފް ޕްރިޒަންސްގެ ހާޒިރުގައި ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ ޓީމެއް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމަށްފަހު އަދިވެސް ހަމަޖެހުމަކަށް ނާދެވެއެވެ. އޮފިސަރަކާއި ގައިދީއަކާ ދެމެދު ހިނގި ހަމަނުޖެހުމަށްފަހު ބޮޑު ހަމަނުޖެހުންތަކެއް ޖަލުގައި ހިނގާފައިވެއެވެ.
އެގޮތުން 6 ގައިދީއަކަށް އަނިޔާވި އިރު ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާފައިވާކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އެމައްސަލަ އެޗްއާރުސީއެމްއާއި މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަމުންދާއިރު ޕްރިޒަންސް ކޮމިޝަނާ އަބްދުﷲ މުނާޒު އެކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް