"ސީ ކުއީން" ބޯޓްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި
ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް "ސީ ކުއީން" ނަމަކަށް ކިޔާ ބޯޓުގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:28 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ މިއަދު 13:16 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ބޯޓުގައި ރޯވި އަލިފާން ނިއްވާލި ނަމަވެސް އިންޖީނު ރޫމުގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ދުން ބޭރުކުރުމުގެ މަސައްކަތް ސިފައިން ކޮށްފައިވާކަމަށާއި، އަދި އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގައި ހޫނު ހިފާފައިވާތީ ފެން ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ބޯޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް