ޖަލުގެ ހަމަނުޖެހުން: ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ހޯމް މިނިސްޓްރީން ބުނެފި
މިއަދު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ އާގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް، މިހާދިސާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާނެކަމަށެވެ.
މިހާދިސާ ހިނގާފައިވާގޮތަކީ ގައިދީއެއް އޮތް ގޮޅި ބަލާފާސްކުރަން ވަން އޮފިސަރަކަށް އިސްވެ ހަމަލާދިނީކަމަށް ހޯމް މިނިސްޓްރީއާއި ކަރެކްޝަންސުން ދަނީ ބުނަމުންނެވެ. އަދި އެފަރާތް ހަމަލާދިން ހަތިޔާރު ހޯދައި ޖަލުގެ ހާލަތު އަމާންކޮށްފައިވާނެކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޖަލުގައި ތިބި ފަރާތްތަކަށް އޮފިސަރުން އަނިޔާކޮށް، މާފުށީ ޖަލުގެ ޔުނިޓް ދޭއްގައި ތިބި ގައިދީންގެ ބޯވެސް ބާލާފައިވާ ކަމަށެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާއި ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކޮށްފައިވާކަން ހޯމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
"މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ ތަރަހައިގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންގެންދާނެ"، މިނިސްޓްރީން ބުންޏެެވެ. މި މައްސަލަ އެޗްއާރްސީއެމުންވެސް ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް