ވެލާނާ އެއަރޕޯޓުގެ ކާރިސާތަކަށް ތައްޔާރުވުމަށް އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތިން މުއައްސަސާއަކާ އެކު ފަހުމުނާމާތަކެއްގައި މިއަދު ސޮއިކޮށްފައިވެއެވެ.
އެމްއޭސީއެލް އިން ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާ އެކުގައެވެ.

މި ފަހުމުނާމާތަކުގެ ދަށުން ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކަމާ ގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މައި އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް