ބިލަބޮންގްއިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސްތައް ހުއްޓާލަނީ
އައިލެންޑާސް އެޑިއުކޭޝަން ގްރޫޕްގެ ފަރާތުން މާލޭގައި ހިންގަމުން ގެންދާ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާސް ހުއްޓާލުމަށް އެ ސްކޫލުން ނިންމައިފިއެވެ.
މިކަމާއި މެދު ހިތްހަމަނުޖެހި، އެ ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބެެލެނިވެރިން ލިޔުނު ހުޅުވާލެވިފައިވާ ސިޓީއެއްގެ ކޮޕީ ވޮއިސްއަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި ބެލެނިވެރިން ބުނެފައިވަނީ އެފަރާތްތަކުގެ ދަރިވަރުން ބިލަބޮންގަށް ވައްދާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތަކާއި ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލިބޭނެކަމުގެ އުންމީދު އޮތުމުންކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަސްވަރުގައި ވައުދުވެފައިވާ ފަދައިން އެ ވަސީލަތްތައް ދަރިވަރުންނަށް ލިބުނުކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ފާއިތުވި ދެއަހަރު ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާހުގެ ޚިދުމަތުގެ ފެންވަރު ދަށްވާން ފެށިކަމަށް ބެލެނިވެެރިން ބުންޏެވެ. އެގޮތުން ކްލާހުގެ އަލިކަން ދަށްވެ، މުޅި ސްކޫލުގައިވެސް ޑެކަރޭޓްނުކޮށްއިން ހަމައެކަނި ކްލާހަށް އެކުދިންގެ ކްލާސް ވެގެންދިޔަކަމަށް ބުނެފައިވެއެވެ. އަދި މުޅި ސްކޫލުގެ ޑަސްޓްބިންތައްވެސް އެކުދިންގެ ކްލާހުގެ ކައިރީގައި ބަހައްޓަން ފެށިކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ބެލެނިވެރިން ބުނިގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާހުގެ ކައިރީގައި ކުނިތައް ބެހެއްޓުމުގެ މައްސަލައަށް ސްކޫލުން ހައްލެއް ގެނެސްފައިވަނީ ގިނަ ހަފްތާތަކެއް ވަންދެން ޝަކުވާކުުރުމަށްފަހުގައެވެ. "އަޅުގަނޑުމެން ދެކޭގޮތުގައި މިކަމަކީ އަޅުގަނޑުމެން އަމިއްލައަށް އެހެން ސްކޫލެއް ހޯދާނެކަމުގެ އުންމީދުގައި ސްކޫލުގެ މެނޭޖްމަންޓުން ގަސްދުގައި ކޮށްފައިވާ ކަމެކެވެ"، ސިޓީގައި ބުނެފައިވެއެވެ.
އެ ފަރާތްތަކުން އިތުރަށްބުނީ މިއަހަރުގެ ޖުލައިމަހުގެ 24ވަނަ ދުވަހު ސްކޫލުގެ މެނޭޖްމަންޓުން ބެލެނިވެރިންނާއި ވަކިވަކިން ބައްދަލުކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ސްކޫލްގައި އިތުރަށް ނުބޭތިއްބޭނެ ކަމަށާއި އަންނަ ދިރާސީ އަހަަރަށް އާ ސްކޫލެއް ހޯދުމަށް ބެލެނިވެރިންގެ ކިބައިން އެދުނު ކަމަށެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު އެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ނިމެންދެން ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދޭން މަސައްކަތް ކުރާނެކަމަށް މެނޭޖްމަންޓުން ބުނެފައިވާ ކަމަށް އެފަރާތްތަކުން ފާހަަގަކުރެއެވެ.
މި މައްސަލައިގައި ބެލެނިވެރިން އެޑިއުކޭޝަން މިިިނިސްޓަރާއި ބައްދަލުކޮށް، މީޑިޔާއާއި ހިސާބަށް މައްސަލަ ގެންދިއުމުން ސްކޫލުން އެ ބެލެނިވެރިންގެ ކިބައިން އެ މައްސަލަ މީޑިޔާއަށް ފަޅާއަރުވާލީ ކާކުތޯ ހޯދުމަށް މަސައްކަތްކުރިކަމަށް ބެލެނިވެރިން ބުންޏެވެ. އަދި ހަމަ އެ ބައްދަލުވުމުގައި ކުދިން ނުބޭތިއްބޭނެކަމަށް ނިންމީ ކަމާއިބެހޭ މިނިވަން ފަރާތަކުން ކުރި ދިރާސާއަކަށް ފަހުގައި ކަމަށް ބުނިކަމަށެވެ.
މިކަމާއި ގުޅިގެން ބިލަބޮންގްއިން މިދިޔަ މަހުގެ ފަހުކޮޅު ބެލެނިވެރިންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މީޑިޔާއަށް މައްސަލަ ތިލަވެފައިވަނީ ބިލަބޮންގްގެ ޑްރީމް ކެމްޕަސްގައި ތިބި މަދު ބެލެނިވެރިންތަކެއްގެ ފަރާތުން ކަމަށެވެ. އަދި މި ބެލެނިވެރިންގެ ދަރިވަރުންނަކީ އަންނަ އަހަރު ޕްރައިމަރީ އުމުރު ފަހަނައަޅައި ދިޔުމުގެ ސަބަބުން އިންކްލޫސިވް ޚިދުމަތްތައް ސްކޫލްގެ މާހައުލުގައި ފޯރުކޮށްދެވެން ނެތް ދަރިވަރުންތަކެއް ކަމަށެވެ.
މީގެ ސަބަބުން ދަރިވަރުންނަށް ލިބެން ހުރި އެހެނިހެން ވަސީލަތްތަކާއި ބެހޭގޮތުން ބެެލެނިވެރިންނާއި ސްކޫލުން މަޝްވަރާކޮށްފައިވާނެކަމަށް އައިލެންޑާސް އިން ބުންޏެވެ. އަދި މިގޮތަށް ނިންމީ އެޑިއުކޭޝަން މިނިސްޓްރީ އަދި ކަމާއިބެހޭ ފަރާތެއްގެ އިރުޝާދުގެ ދަށުންކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް