ކަޝްމީރުގެ މައްސަލައިގައި ރާއްޖޭގެ ބަހެއް ބަދަލެއް ނުކުރި!
އިންޑިޔާގެ ގާނޫނު އަސާސީން ޖައްމޫ އަދި ކަޝްމީރު ސަރަހައްދަށް ދީފައިވާ ޚާއްސަކަން އުވާލުމަށް އެގައުމުން ނިންމި ނިންމުމާއި މެދު ދިވެހިރާއްޖެއިން ބުނިބަސް އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.
އެމެރިކާގެ ނިޔުޔޯކްގައި ހުންނަވައިގެން އިންޑިޔާގެ ޓީވީ ޗެނަލެއްކަމުގައިވާ ވިޔޯން ނިއުސަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެގައުމެއްގެ ގާނޫނު އަސާސީގައި ކަންކަން އޮންނާނެގޮތް ކަނޑައެޅުމުގެ ހައްގު އޮންނާނެކަމަށެވެ.
އެގޮތުން އިންޑިޔާއިން އެގައުމުގެ ގާނޫނުތަކަށް ގެންނާނެ ބަދަލުތަކަކީ އެހެން ގައުމުތަކުން ނިންމާނެ އެއްެޗެއް ނޫންކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ދެގައުމުގެ ގުޅުން މިހާތަނަށް ރަނގަޅުނުވާހާ މިންވަރަކަށް ރަނގަޅުވެފައިވާ ކަމަށާއި، ދެގައުމުގެ ސަރުކާރާއި، ރައްޔިތުންނާއި ވެރިިންގެ މެދުގައި ބަދަހި ގުޅުމެއް އެބައޮތްކަމަށެވެ. އަދި އެންމެ 11މަަސް ދުވަހުގެ ތެރޭގައި ދެގައުމުގެ ވެރިން ހަތަރު ފަހަރު ބައްދަލުކުރެއްވުމަކީ މީގެ މިސާލެއްކަމަށް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ އިންޑިޔާއަކީ ކްރިކެޓްގެ މައިދާނުގައި ވަރުގަދަ ޓީމެއްކަމަށާއި، އެގައުމުން އަފްޣާނިސްތާނު ބައިނަލްއަގްވާމީ ކްރިކެޓްގެ މައިދާނަށް ނެރުނު ފަދައިން ރާއްޖޭގެ ޓީމް ނެރެދޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ކޮންމެވެސް ދުވަހުން ރާއްޖޭގެ ކްރިކެޓް ޓީމުން އިންޑިޔާ ބަލިކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް