ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަކިކުރަން ނޯޓިސްދީފި
ޓްރާންސްޕޯޓް މިނިސްޓްރީން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރުމަށް ނޯޓިސްދޭން ފަށައިފިއެވެ.
އެގޮތުން ގަޑިޖެހުމުގެ ސަބަބުން މިހާތަނަށް ހަތް މުވައްޒަފަކަށް ވަނީ ނޯޓިސްދީފައެވެ.
އެ މުވައްޒަފުން ވަކިކުރުމަށް ދީފައިވާ ނޯޓިސްގައި ބުނެފައިވަނީ އެ މުވައްޒަފުން ކަނޑާލުމަށް ނިންމީ ކުށުގެ ތިން ވަނަ ދަރަޖައިގެ ދަށުންކަމަށެވެ. އެގޮތުން އެ މުވައްޒަފުން އަހަރުގެ 60 ދުވަހު ގަޑިޖެހިފައިވުމުން، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިވާނެކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމީ މަސައްކަތުގެ ފެންވަރުދަށް މުވައްޒަފުން ވަކިކުރާނެކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ލީކްވި އޯޑިއޯ ކްލިޕެއްގައި މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޯޓުގައި ތިބީ ރަނގަޅަށް މަސައްކަތްކުރާ ބޭފުޅުންނަށްވުރެ މިނިސްޓްރީގައި ތިބީ ވަރަށް ހިތާމަވެރިކޮށް،ދެރަވަރުކޮށް އަދި ދެރަ ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުންކަމަށެވެ.
"ކޮފީގައި ނުވަތަ އެހެން ތަންތާނގައި ތިއްބަވާ ސްޓާފުން، އަންހެން ބޭފުޅުން ފިރިހެން ބޭފުޅުން އަޅުގަނޑަށް ހިތްހަމަ ނުޖެހިގެން އަޅުގަނޑުގެ މައްސަލައެއް އޮވެގެން ނެތިގެން އެއްޗެހި ކީމަ ނިމުނީއެއް ނޫން. އަޅުގަނޑުގެ ވާހަކަ ހިތްހަމަ ނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިޔަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ" ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކިތަންމެ ގިނަ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ޖެހުނަސް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި ފަހަރެއްގައިވެސް މަގާމުގައި ހުންނަވަނީ މުސާރައިގެ ބޭނުމުގައިކަމަށް ހީނުކުރުމަށާއި އެކަމަނާއަށް އުނި އެއްވެސް ކަމެއް ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑު ބަދަލުކުރަން ޖެހޭ މީހަކު އަޅުގަނޑު ބަދަލު ކުރާނަން. ވަރަށް ސާފުކޮށް މިދަންނަވަނީ"، ގާތްގަނޑަކަށް ތިން މިނެޓުގެ މި ކްލިޕްގައި ނަހުލާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް