ޖަމުއިއްޔާތަކަށް ފިޔަވަޅު އެޅުމާއި ޓެރަރިޒަމްގެ މައްސަލަތައް ބެލުމަކީ މަޖިލީހާއި މަތިކޮށްފައިވާކަމެއް ނޫން: މާވަށު ކައުންސިލް
ރާއްޖެގައި ރަޖިސްޓްރީކޮށްފައިވާ ޖަމުއިއްޔާތަކަށް ފިޔަވަޅު އެޅުމާއި ޓެރަރިޒަމްގެ މައްސަލަތައް ބެލުމަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ނޫން ކަމަށް ލ. މާވަށު ކައުންސިލް އިދާރާއިން ބުނެފިއެވެ.
މަރުކޮމިޝަނުން ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި ސަލަފު ޖަމުއިއްޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމުއިއްޔާއެއްކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެމައްސަލައިގައި މަރުކޮމިޝަނުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެޖަމުއިއްޔާއަށް ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.
އެކަން ކުށްވެރިކޮށް ލ. މާވަށު ކައުންސިލުން މިރެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ޖަމުއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގެ ހުރިހާ ޒިންމާއެއް މިހާރު ހަވާލުކޮށްފައިވަނީ ޔޫތު މިނިސްޓްރީ އާ ކަމަށެވެ. އަދި ޖަމުއިއްޔާތަކާއ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ ޅ. ގައި ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ޖަމާއަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅާފައިވާއިރު މިއީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
ގާނޫނުގައި މިހެން ބަޔާންކޮށްފައިވަނިކޮށް، ގާނޫނާ ހިލާފަށް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރުވައި، އިސްލާމް ދީނަށް ތައުހީނުކޮށް، އެތައް ހަރަކާތްތަކެއް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ އެމްޑީއެން އާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅެއް ނާޅައި، އެޖަމުއިއްޔާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެތައް މެންބަރުންނެއް ވާހަކަ ދައްކަވާފައި ވަނިކޮށް، މުސްލިމުންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ސަލަފު ޖަމުއިއްޔާ އުވާލަން މަޖިލީހުގެ ކޮމެޓީން ނިންމި ނިންމުމަކީ ބަލލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައިވާ ގޮތުން އެނިންމުމަކީ މަޖިލީހުން ހަދާފައިވާ ގާނޫނުތަކާއި ހިލާފަށް މަޖިލީހުގެ އިހުތިސޯސުން ބޭރުން އަޅާފައިވާ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެކެވެ.
''މިއީ ބާރުތައް ވަކިކޮށްފައިވާ އަދި ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ހިންގި ވަރަށް ޚުދުމުޚުތާރު، ޣައިރު ދުސްތޫރީ އަމަލެއް ކަމުގައި ފާހަގަކުރަމެވެ.'' މާވަށު ކައުންސިލުގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމަކީ ރައްޔިތުންގެ މައްޗަށް ބޭއިންސާފުން އަމަލުކޮށް، ގާނޫނީ ނިޒާމު ފުނޑުފުނޑުކޮށްލަން ރައްޔިތުން ދީފައިވާ ލައިސަންސެއް ނޫން ކކަމަށެވެ.
''އެއީ ކަންކަން އިސްލާހުކޮށް ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންނަށް ފާގަތިކަމާއި އަމާންކަން ހޯދައިދެއްވުމަށް ރައްޔިތުން ދީފައިވާ އިތުބާރެކެވެ.'' ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ސަލަފު ޖަމުއިއްޔާ އުވައިލަން ނިންމި ނިންމުމާއި އެޖަމުއިއްޔާއަކީ ޓެރރަރިސްޓް އަމަލުތަކަށް ހިތްވަރުދޭ ޖަމުއިއްޔާއެއް ކަމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް މާވަށު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ގޮވައިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް