ކައުންސިލްތަކަށް ކުއޯޓާ ނިޒާމެއް ގެންނަނަމަ އިންތިޚާބީ ނިޒާމަށް ބަދަލުގެންނަންޖެހޭ: އައިމަން
ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކުގައި ބައިވެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށް ގެންނަ ކުއޯޓާ ނިޒާމް ފުރިހަމައަށް ތަންފީޒުކުރުމަށް އިންތިޚާބީ ނިޒާމަށް ބަދަލުގެންނަން ޖެހޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކެސީ މެނޭޖަރ އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.
އައިމަން މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އަބަދުވެސް ވަކާލާތުކުރަމުން އައިކަމެއްކަމަށެވެ. އަދި އެ ނިޒާމުގެ އިތުރުންވެސް އެބައެއްގެ މައްޗަށް ބަސްބުނަން ތިބެން ވާނީ އެބައެއްގެ މީހުންކަމަށް ގަބޫލުކުރައްވާކަމަށް އައިމަން ވިދާޅުވިއެވެ.
އެގޮތުން ދިވެހިރާާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ އަންހެނުން ކަމަށްވާއިރު، ހިންގުމުގެ ނިޒާމުގެ މަތީ ފަންތީގައި ތިބޭ އަންހެނުންގެ އަދަދު މަދުކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
އަންހެން ކައުންސިލަރުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ގުރުއަތުލާން ހަމަޖެހިފައިވާކަމަށް ވާހަކަދެކެވެމުންދާއިރު، އެކަމަށް އިޝާރާތްކުރައްވާ އައިމަން ވިދާޅުވީ އެގޮތަށް ގުރުއަތުލާންޖެހެނީ އިންތިޚާބީ ނިޒާމު ބައްޓަންކުރެވިފައިވާގޮތުންކަމަށެވެ. އެގޮތުން މިހާރު އޮތް ފަސްޓް ޕާާސަން ވޯޓުގެ އުސޫލު ދޫކޮށްލައި، ޕްރިފަރެންޝިއަލް ނުވަތަ ޕާޓީ ލިސްޓްގެ އުސޫލު އޮންނަ ނަމަ އެއްވެސް ފަރާތެއްގެ ހައްގުތަކަށް އުނިކަން ނައިސް ކުއޯޓާ ސިސްޓަމް ކުރިއަށް ގެންދެވޭނެކަމަށް އައިމަން ވިދާޅުވިއެވެ.
މިހެން ނެތުމުގެ ސަބަބުން މިހާރުވެސް ދާއިރާއަކަށް މީހަކު ގިނަފަަހަރަށް ހޮވިގެންދަނީ ކުޑަ ތަފާތަކުންކަމަށާއި، އެ ހޮވޭ މީހާއަކީ ގިނަބަޔަކު ބޭނުންވާ މީހަކަށް ވެެގެން ނުދާކަަމަށް އައިމަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް