ކޯލިދޫންޏާއި ބަކަރިތަަކަށް ބަލިޖެހިފައިވޭތޯ ފިޝަރީޒް މިނިސްޓްރީން ބަަލައިފި
ސެޕްޓެމްބަރ މަހުގެ 23 އިން 26 އަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބ. އަތޮޅު ފެހެންދޫ އަދި ހިތާދޫގައި އެނިމަލް ޕެސްޓް އެންޑް ޑިސީސް ސަރވައިލެންސް ޕްރޮގްރާމެއް ހިންގައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައިި މިދެރަށަކީ ބަކަރި އަދި ކޯލިދޫނީގެ ބާވަތްތައް ގެންގުޅެ، ވިއްސާ އާލާކޮށްގެން އާމްދަނީ ހޯދާ ދެރަށެވެ.
މި ޕްރޮގްރާމުގެ ތެރޭގައި ކޯލިދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން، މިފާމްތައް އިންސްޕެކްޓް ކޮށްފައިވެއެވެ.
އެގޮތުން، އެދެރަށުން ޖުމްލަ 4 ފާމް އިންސްޕެކްޓް ކޮށްފައިވެއެވެ. މިގޮތުން އެ ފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސެމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފް.އެމް.ޑީ) އަށް ޓެސްޓު ކޮށްފައިވެއެވެ. އަދި ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ހާލަތު ބަލައި ރަނގަޅު ކުރަންވީކަންތަކާ ބެހޭގޮތުން ލަފާ ދެވުނުކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި ޖަނަވާރުތަކުގެ ސިއްޙީ ޙާލަތު ބަލައި، ބަލި ޖަނަވާރުތަކަށް ފަރުވާދެވުނެވެ. މީގެއިތުރުން، މިޕްރޮގުރާމުގެ ތެރޭގައި ދެރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނެގިފައިވެއެވެ. މި ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް