N/A
N/A
ހަބަރު 03 Jul 2019 | 00:46

ޢަދާލަތަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ނުލިބުނީ ކީއްވެ؟

ޢަދާލަތު ޕާޓީއަށް މަޖިލިސް އިންތިޚާބުގައި އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވި ދިޔުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ، އެންމެ މަދުވެގެން، އުސްތާޒާ އަނާރާ ނަޢީމަށް އެކަމަނާގެ ގޮނޑި ދިފާޢު ކުރެއްވޭނެ ކަމަށެވެ.

ޢަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ނުލިބި މަޖިލީހުން ފެއިލްވި ފެއިލްވުމަކީ ޕާޓީގެ އަމިއްލަ ހައިސިއްޔަތުން ވި ފެއިލްއެކެވެ. ޖުމްލަކޮށް ބަލާނަމަ، މި އިންތިޚާބަކީ ޢަދާލަތަށް ކާމިޔާބު އިންތިޚާބެކޭވެސް ދެންނެވިދާނެއެވެ. އެބޭފުޅުން އެއީ ކާމިޔާބީއެއް ކަމަށް ދެކުމާއި ނުދެކުން އެއީ ވަކި ކަމެކެވެ.

އެހެނީ، ޢަދާލަތުގެ ރަސްމީ ހިއްސާ އޮވެގެން އެމްޑީޕީއަށް މަޖިލީހުން 5 ގޮނޑި ލިބުނެވެ. އަދި ނުސީދާކޮށް އެމްޑީޕީއަށް ލިބުނު ހުރިހާ ގޮނޑިއެއްގައި ޢަދާލަތުގެ ހިއްސާ އެބައޮތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ، މަޖިލިސް އިންތިޚާބަށް ޢަދާލަތުން ނުކުތީ އެމްޑީޕީއާއެކުއެވެ. އެޖެންޑާ 19 ގެ ދަށުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް (ނުވަތަ ސަރުކާރަށް) މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި ދިނުމަށެވެ. އެކަން އެވަނީ ވަރަށް ބޮޑަށް ކާމިޔާބުވެފައެވެ. އެއްވެސް ބަޔަކު ހީވެސް ނުކުރާފަދަ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް އެވަނީ ލިބިފައެވެ. އެއްވެސް ހުރަހެއް ނެތި ސަރުކާރުގެ ބިލުތައް ފެންފޮދެއްހެން މަޖިލީހުން ފާސްވާނެ ގޮތް އެވަނީ ވެފައެވެ. އެހެންކަމުން، ޢަދާލަތު ޕާޓީން މަޖިލިހަށް ކަނޑައެޅި އެންމެ ބޮޑު ލަނޑުދަނޑި އެވަނީ ހާސިލުވެފައެވެ.

ނަމަވެސް، އަމިއްލަ ހައިސިއްޔަތުން (ސިޔާސީ މުސްތަޤިއްލު ޕާޓީއެއްގެ ގޮތުން) ޢަދާލަތަށް ކުރިމަތި ލާން ޖެހުނީ، ޢަދާލަތު ޕާޓީގެ ސިޔާސީ ޙަޔާތުގައި މިހައި ތަނަށް ކުރިމަތި ނުވާ ފަދަ ބޮޑު ނާކާމިޔާބީއެއް ކަމަށް ބުނުމުގެ ފުރުޞަތު އެބަ އޮތެވެ. އެކަން، އިންތިޚާބަށްފަހު، ޢަދާލަތު ޕާޓީގެ ތަރުޖަމާނު ނޫސްތަކަށް ދެއްވި ބަސްދީގަތުމުންވެސް ވަރަށް ރަނގަޅަށް ފާހަނގަވެގެން ދިޔައެވެ. އެބޭފުޅާއަށް ހަވާލާ ދެއްވާ، ނޫސްތަކުގައި ވަނީ، ޢަދާލަތު ޕާޓީ، މަޖިލިސް އިންތިޚާބުގައި ބަލިވެއްޖެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، ސަބަބުތައް ހޯއްދަވައި، އަލުން ޢަދާލަތު ޕާޓީ ތެދުވާނެ ކަމަށް ވިދާޅުވިކަމަށެވެ.

ވުމާއެކު، މިލިޔުމުގައި މިހިމަނާލަނީ، މަޖިލީސް އިންތިޚާބުން ޢަދާލަތަށް އެއްވެސް ގޮނޑިއެއް ނުލިބި ނާކާމިޔާބުވާން ޖެހުނު ބައެއް ސަބަބުތަކަށެވެ.

1- ޢަދާލަތު ޕާޓީއަށް، މަޖިލިސް އިންތިޚާބުގައި ނާކާމިޔާބުވުމުގެ އެންމެ ބޮޑު އަޞްލެއްކަމަށް އަޅުގަނޑަށް ފެންނަނީ، ޢަދާލަތު ޕާޓީ އޭގެ މައްޗަށް އުފަންވެގެން އައި އުޞޫލުތަކާއި ހަމަތައް ދޫކޮށްލުމެވެ.

އަޅުގަނޑު މި އިޝާރާތް ކުރަނީ، މީގެ އަހަރުތަކެއް ކުރިޔަށެވެ. 2015 ވަނަ އަހަރަށެވެ. އެމްޑީޕީއާއެކު މަސައްކަތް ކުރަން ޕާޓީން ނިންމި ހިސާބުންނެވެ. ޢަދާލަތު ޕާޓީ އުފަންވެގެން އައީ ސެކިއުލާ ޢަލްމާނީ ފިކުރާ (ޕާޓީގެ މުއައްސިސުންގެ ބަހުން ސީދާ ބުނާނަމަ، އެމްޑީޕީއާ) ދެކޮޅު ހެދުމަށް ސިޔާސީ މައިދާނުގައި ތިބެގެން މަސައްކަތް ކުރާ ދީނީ ފިކުރެއް އޮތުމުގެ ބޭނުމުގައެވެ. އެހެންކަމުން، ޢަދާލަތު ޕާޓީއާއި އެމްޑީޕީއަކީ، ފިކުރީ ގޮތުންނާއި އުފެދުމުގައިވެސް މުޅިން ތަފާތު ދެ ފިކުރެކެވެ. އެއް ފިކުރަކީ ދީނީ ފިކުރެކެވެ. އަނެއް ފިކުރަކީ، ޢަލްމާނީ ފިކުރެކެވެ.

2008 ގައި ވެރިކަމަށް އެމްޑީޕީ އައުމާއެކު، އެޕާޓީން ވި ވަޢުދުތައް އުވާލައި، ގައުމަށް ކުރިމަތިވި ނާމާން ދުވަސްތައް ދީނީ އެއްވެސް ބަޔަކުގެ ހަނދާނުން ފިލައި ނުދާނެއެވެ. އެހެންކަމުން، 2013 ވަނަ އެމްޑީޕީއާ ދެކޮޅަށް ޢަދާލަތުން ޖެއްސި އިދިކޮޅު ކެމްޕެއިންތައް މުޅިން ބިނާވެފައިވީ، އެމްޑީޕީގެ ފަރާތުން ގައުމަށް އައިސްދާނެ ނުރައްކަލާ މެދުއެވެ. ރައީސް ނަޝީދަކީ މުޅި މިޤައުމަށް ހުރި އެންމެ ބޮޑު ޢަދާވާތްތެރިޔާގެ ގޮތުގައި ސިފަކުރެވެމުން ދިޔައެވެ.

މިކަން މިހެން ތަޖުރިބާ ކުރެވިފައި އޮތުމާއެކު، 2015ގައި ޔާމީނުގެ ސަރުކާރުން ވަކިވެ، ޢަދާލަތު ޕާޓީން ވަޤުތުން އެމްޑީޕީއާއެކު މަސައްކަތް ކުރަން ނިންމި ނިންމުން ވެގެންދިޔައީ ޢަދާލަތު ޕާޓީގެ މެމްބަރުންނާއި ދީނީ ފިކުރުގެ މީހުންނަށް ޤަބޫލުކުރަން ދަތިވި ކަމަކަށެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ބަދަހިކޮށް އޮތް ޢަދާލަތު ޕާޓީވެސް ބައިބައިވެގެން ދިޔުމެވެ. ޢަދާލަތު ޕާޓީގެ ޢިލްމުވެރިންވެސް ބައިބައިވެގެން ދިޔުމެވެ. ދިވެހިރާއްޖޭގައި ދެން ތިއްބެވި ޢިލްމުވެރިންވެސް ސީދާކޮށްނާއި ނުސީދާކޮށް ޢަދާލަތު ޕާޓީގެ އެ ނިންމުމާ ދެކޮޅު ހައްދަވަމުން ގެންދެވިއެވެ.

ދީނީ ޢިލްމުވެރިންނާއި ދީނީ ފިކުރުގެ ބޭފުޅުން ޢަދާލަތު ޕާޓީއަށް ވިދާޅުވަމުން ގެންދެވީ، އެމްޑީޕީއާއެކު ކޯލިޝަން ނެހެދުމަށެވެ. ޙައްޤު ބަސް ބުނުމުގައި މުސްތަޤިއްލުކަމާއެކު ކުރިޔަށް ދިޔުމަށެވެ.

ނަމަވެސް، ކަންވެގެން ދިޔައީ އެހެނެއް ނޫނެވެ. ޕާޓީގެ ރައީސް އާއި ވަކި ބޭފުޅުން ކޮޅެއް ބޭނުންފުޅުވާ ގޮތަށެވެ. އެމްޑީޕީއާއެކު ކުރިޔަށް ދިޔުމަށެވެ. މަޝްވަރާ މަޖިލީހުގެ ނިންމުމެއްގެ ލިބާހުގައެވެ. ނަމަވެސް، ޙަޤީޤަތް އެނގޭ ބަޔަކަށް ކަންވެގެން ދިޔަ ގޮތުގެ ތަފްސީލު އެނގޭނެއެވެ. މި ނިންމުމަކީ، ޢަދާލަތު ޕާޓީން ދެން ޖެހިގެން އައި ގިނަ ގޯސް ނިންމުންތަކެއް ނިންމަން ޖެހުނު އެންމެ މައިގަނޑު ސަބަބުވެސް މެއެވެ. ޕާޓީގެ ލީޑަރަށް ފެނިލައްވާ ގޮތަށް، ބަޔަކަށް ވިސްނައި ފިކުރުކޮށްލަންވެސް ފުރުޞަތެއް ނުލިބޭހާ އަވަސް އަވަހަށް ދިޔައީ ނިންމުންތަކެއް ނިންމަވަމުންނެވެ. ބޭނުމަކަށް ވެފައި އޮތީ، ކޮންމެ ގޮތެއް ހަދައިގެންވެސް އޭރުގެ ސަރުކާރު އިނދެޖައްސާލުމެވެ.

ނަމަވެސް، މިދެންނެވި ކޮންމެ ނިންމުމަކާއެކު، ދީނީ ފިކުރުގެ މީހުންގެ މެދުގައި ޢަދާލަތު ޕާޓީއަށް އޮތް މަޤްބޫލުކަން ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ޢަދާލަތު ޕާޓީގެ ބައެއް ޢިލްމުވެރިންނާއި ބައެއް ޢާންމު މެމްބަރުންތައްވެސް ދިޔައީ ޕާޓީއާ ދުރުވެ ފެއަށްޖެހެމުންނެވެ. މިނިވަން ޢިލްމުވެރިންގެ މެދުގައިވެސް ޢަދާލަތު ޕާޓީއަށް އޮތް އިތުބާރު ދިޔައީ މުޅިންހެން ގެއްލެމުންނެވެ.

މީގެ އިތުރުން، ޢަދާލަތު ޕާޓީގެ ގިނަ ޢިލްމުވެރިންނާއި ( އަދި ޕާޓީ ނޫނަސް، މިނިވަން ގިނަ ޢިލްމުވެރިން) ޢަދާލަތު ޕާޓީއާ ދުރުވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ، ޕާޓީގެ މައުގިފު، ޝަރުޢީ ހަމަތަކުން ހާމަކޮށްނުދެވުމެވެ. އެމައުގިފު ހާމަކުރަން އެދޭ ކޮންމެ ފަހަރަކު، އެކަމަށް އެތަކެއް އުޒުރުތަކެއް ދެއްކުމެވެ. ޕާޓީގެ ރައީސަށް ލިބޭ "އިންޓެލިޖަންސް" މަޢުލޫމާތުތަކެއްގެ މައްޗަށް ނިންމާ ނިންމުންތަކެއްގެ ބަހަނާގައެވެ. އަނެއްބައި ފަހަރު، އެބޭފުޅުންނަކީ ސިޔާސަތުގައި ތިއްބެވި ބޭފުޅުންނަށް ވުމުން އެބޭފުޅުންނަށް އިތުބާރުކޮށް، "ކަނު ތަޤްލީދެއް" ކުރުމުގެ ބަހަނާގައެވެ.

ޢިލްމުވެރިންގެ މަޝްވަރާއަކީ މުހިންމު އެއްޗަކަށް ނުވިއެވެ. ޤައުމުގެ ދީނާއި ސިޔާދަތާއި ޤައުމުގެ މުސްތަޤްބަލަށް ނިންމާ އެއްވެސް ނިންމުމެއްގައި ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ އެއްވެސް ބަހެއް ހިމެނުމަކީ މުހިންމު ކަމަކަށް ނުވިއެވެ. ސަބަބަކަށްވީ ހަމަ އެންމެ ސަބަބެކެވެ. އެއީ، ފާޅުގައި ފެންނަން އޮތް ފަސާދައަކަށް ޤައުމުގެ މުސްތަޤްބަލު ވެއްޓޭފަދަ ނިންމުންތަކެއް ނިންމަމުން ދާތީ، އެކަމުގެ ޙިކުމަތަކީ އަދި އެނިންމުން ނިންމާ އަޞްލާއި ހަމަތަކަކީ ކޮބައިތޯ އެ ޢިލްމުވެރިން ސުވާލު ކުރެއްވުމެވެ. އޭގެ ޖަވާބަކަށް އަންނަނީ، ތިބޭފުޅުންނަށް ނޭނގޭ ކިތަންމެ ކަމެއް އެބޭފުޅުންނަށް އެނގިލައްވާ ކަމަށެވެ. ނަމަވެސް އެކަމެއް ބަޔާން ކުރެވެން ނޯވެއެވެ. ޝަރުޢީ ޢިލްމު އުނގެނިގެން ތިއްބެވި ޢިލްމުވެރިންވެސް ޖެހެނީ، ކުރިމަތީގައި އޮތް ބޮޑު ފަސާދައަކަށް ލޯ މަރާލާފައި، ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެލެއްވީތީ ކަނު ތަޤްލީދެއް ކުރައްވާށެވެ. އެގޮތަކަށް، ކަނު ތަޤްލީދު ކުރުމަކީ ދީން ހުއްދަ ކުރާ ކަމަކަށް ނުވުމުން، ޢަދާލަތު ޕާޓީގެ މަދު ޢިލްމުވެރިންކޮޅެއް ފިޔަވައި، އެހެން ހުރިހާ ޢިލްމުވެރިން އެކަމާ ދެކޮޅު ހައްދަވައި އެކަމުން ބަރީއަވިއެވެ.

މިކަންކަމުގެ ސަބަބުން، ޢިލްމުވެރިން ޕާޓީއާ ފެޔަށް ޖެހެމުން ދިޔަ އިރުވެސް، އެކަމަކީ ޕާޓީއަށް އެއްވެސް އަހައްމިއްޔަތު ހުރި ކަމަކަށް ނުވިއެވެ. ޕާޓީގެ ލީޑަރު ނިންމަވާ ނިންމެވުންތަކަކީ، ދީނާއި ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް، އޭގެ ސަބަބެއްވެސް، ޢިއްލަތެއްވެސް ބަޔާން ނުކުރައްވާ، ދިޔައީ ކުރިޔަށެވެ. ޕާޓީ ބައިބައިވެ، ހީނަރުވެ، ޕާޓީގެ ޢާންމު މެމްބަރުންގެ ޝުޢޫރުތަކަކީވެސް އެއްވެސް އެއްޗަކަށް ނުވިއެވެ.

ކުރީގައި މި ބަޔާން ކުރެވުނީ، 2015 އިން ފެށިގެން ހަދަމުން އައި ގޯސްތަކުގެ ސަބަބުން ޢަދާލަތަށް އައި ހީނަރުކަމާއި، ޢަދާލަތަށް ޢާންމު މެމްބަރުންނާއި ޢިލްމުވެރިންގެ މެދުގައި އޮތް މަޤްބޫލުކަން ގެއްލި ދިޔަ ސަބަބުތަކުގެ މައްޗަށެވެ. ޢަދާލަތަށް ލިބުނު ނާކާމިޔާބީގެ އެންމެ ބޮޑު ސަބަބުތަކަކީ އެއީއެވެ. ދެން އޮތީ، މަޖިލީސް އިންތިޚާބަށް ޢަދާލަތުން ހެއްދެވި ގޯސްތަކުގެ ވާހަކައެވެ. އެގޮތުން:

2- އެމްޑީޕީން ކޯލިޝަން އެހެން ޕާޓީތަކާއެކު ހަދާފައިވާ އެއްބަސްވުމަށް ޣައްދާރުވެރިވެ، އެ އެއްބަސްވުމާ ޚިލާފުވެ، އެހެން ޕާޓީތަކަށް ޚިޔާނާތްތެރިވިއެވެ. އަދި، އެއް ދާއިރާ ފިޔަވަައި މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމިއެވެ. ވަޢުދާ ޚިލާފުވުމަކީ، އެމްޑީޕީގެ ތަބީޢަތުގައި ހުންނަ ކަމެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.

އެކަން އެންމެ ރަނގަޅަށް އެނގޭ ބަޔަކަށް ސިޔާސީ މައިދާނުގައި ތިބޭނީ، ޢަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއެވެ. އެހެނީ، އެންމެ ގިނައިން އެމްޑީޕީން ލަނޑު ދީފައި ވަނީ މި ދެ ޕާޓީއަށެވެ. ކިތަންމެ ވަޢުދެއްކޮށްފައި، ޖެހިގެން އަންނަ ދުވަހު އުވާލާފައި އެބަހުއްޓެވެ.

ނަމަވެސް، މަޖިލީސް އިންތިޚާބަށް އެކުގައި ވާދަކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމްޑީޕީން ޣަދަރުވެރިވުމުން، މިތިން ޕާޓީއަށް އެކުގައި ނުކުތުމަށް ފުރުޞަތު އޮތެވެ. އެގޮތަށް ނުކުތް ނަމަ، އެމްޑީޕީ ތުރުތުރު އަޅާ ވަރަށް ބިރުވެސް ގަނުވާލެވުނީއެވެ. ނަމަވެސް، އެ ފޯމިއުލާއާއެކު ކުރިޔަށް ދާން ޢަދާލަތު ޕާޓީން ބޭނުމެއް ނުވިއެވެ. ސަބަބަކަށްވީ، ކޯލިޝަން ރޫޅި ދާނެކަމުގެ ބިރު އޮތުމެވެ. ޢަދާލަތަށް ނޭނގުނީ، ނުވަތަ ނޭނގޭކަމަށް ހަދަައިގެން ތިބީ، ކޯލިޝަން ރޫޅާލާނީވެސް ރައީސް ނަޝީދެވެ. އެކަން އެމަނިކުފާނު ކުރައްވާނީ، މަޖިލިސް އިންތިޚާބު ނިމުނީމައެވެ. އެހެންވީމާ، މި ކޯލިޝަންއަކީ ރޫޅެން އޮތް އެއްޗެކެވެ. ނޭނގޭ ކަމަކީ، ރޫޅޭނެ ދުވަހެކެވެ.

މަޖިލިސް އިންތިޚާބަށް، މިދެންނެވި ފޯމިއުލާގެ ބޭނުން ޢަދާލަތު ޕާޓީން ނުކުރުމުގެ ހުރިހާ ފައިދާއެއް ނެގީ އެމްޑީޕީންނެވެ. އަދި، އެކަމާ ހެދި، ޖުމްހޫރީ ޕާޓީއަށް ވެސް ގޯސްތަކެއް ހެދެމުން ދިޔައެވެ. ކޯލިޝަން ތެރެއިން މަޖިލިސް އިންތިޚާބަށް އެޕާޓީއާ ގުޅޭނެ ބަޔަކު ނުވުމުން، ޕީޕީއެމާ ގުޅުނެވެ. މިއީ ޖުމްހޫރީ ޕާޓީން ހެދި އެންމެ ބޮޑު އެއް ގޯހެވެ.

އެހެންކަމުން، ޢަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމަށް ލިބުނު ނާކާމިޔާބީގެ އެންމެ ބޮޑު އެއްސަބަބަކީ، އެމްޑީޕީން ވަޢުދާ ޚިލާފުވީމަވެސް، މިތިން ޕާޓީއަށް އެކުގައި މަޖިލީހަށް ކުރިމަތިލުމުގެ ފޯމިއުލާއެއް ނުރެވުނު ކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ.

3- އެޖެންޑާ 19 އަށް ތާޢީދު ކުރަން ޢަދާލަތުން ނިންމި ނިންމުމެވެ. މިއީ ޢަދާލަތު ޕާޓީގެ ޙަޔާތުގައިވެސް ނިންމި އެންމެ ބޮޑު އެއް ގޯސް ނިންމުމެވެ.

އެހެނީ، އެޖެންޑާ 19 ގެ ބިރުވެރިކަމާއި، އެކަމުން ޤައުމަށް އައިސްދާނެ ނުރައްކަލާއި، ޤައުމު ޢަލްމާނީކޮށްފާނެ ކަމުގެ، އިންޒާރުތައް ދީނީ ޢިލްމުވެރިން ގެންދެވީ މީސްމީޑިއާގައި ދެއްވަމުންނެވެ. އަންނި ކެމްޕެއިންތަކުގައި ދައްކަވަމުން ގެންދެވި ދީނާ ޚިލާފު ވާހަކަތަކަށް ޢިލްމުވެރިން ގެންދެވީ ރައްދު ދެއްވަމުންނެވެ. މިކަމުގައި އެންމެ ކުރީގައި އުޅުއްވަމުން ގެންދެވީ، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި، ނާއިބު ރައީސެވެ. އޭގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއް ގެންދެވީ، އެބައިމީހުންގެ ކަންބޮޑުވުންތައް ހާމަކުރައްވަމުންނެވެ. ދީނަށް ލޯބިކުރާ ޢާންމު ރައްޔިތުންވެސް ގެންދެވީ، އެބައިމީހުންގެ ހާސްވުންތައް ހާމަކުރަމުންނެވެ.

އެހެން އެކަން އޮތްވާ، ކުއްލިއަކަށް ފެނިގެން ދިޔައީ، ޝެއިޚް ޢިމްރާން ޢަބްދުﷲ އެޖެންޑާ 19 ގެ ޕޯޑިއަމް އަރައިވަޑައިގެން، އެޖެންޑާ 19 ގެ ބައެއް ދާއިރާތަކަށް، ޢަދާލަތުން ތާއީދު ކުރާނެ ވާހަކަ ވިދާޅުވި ތަނެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކު ނުކުމެ، ސަރުކާރަށް އަޣުލަބިއްޔަތު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި ތަނެވެ.

ބުއްދި ހުރި ކޮންމެ މީހަކަށްވެސް، މި ނިންމުމުގެ ހުރި ތާނކުންތާނކު ނުޖެހޭކަން ވިސްނޭނެއެވެ. މިއީ، ޢަދާލަތު ޕާޓީގެ އަގު އަނެއްކާވެސް ދީނަށް ލޯބިކުރާ މީހުންގެ ނަޒަރުގައި ވެއްޓިގެން ދިޔަ އެއް ސަބަބެވެ. އެހެނީ، އެއްކޮޅުން މިފެންނަނީ، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި (ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ހިމެނޭގޮތަށް) ދީނަށް ލޯބި ކުރައްވާ ހުރިހާ ފަރާތްތަކެއް އެޖެންޑާ 19 އަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ތަނެވެ. އަނެއްކޮޅުން މި ފެނުނީ، އެހުރިހާ ކަމަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، ޢަދާލަތުން އެޖެންޑާ19 އަށް ތާޢީދުކުރަން ނިންމާ، އިޢުލާން ކުރި މަންޒަރެވެ.

ޚުދު ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ބަސްވެސް އެޕާޓީގައި ނުހިނގާ ކަން މިއިން ޢާންމު ރައްޔިތުންނަށް އެނގި ހާމަވެގެން ދިޔައެވެ. އެހެންކަމުން، ފާޅުގައި ފެންނަ އޮތް ފަސާދައަކަށް، ދީނީ ފިކުރުގެ ރައްޔިތުންނާއި ޢިލްމުވެރިންވެސް އެއްބާރުލުން ނުދެއްވާނެކަން މީސްމީޑިއާ އިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.

ޚުދު ޢަދާލަތު ޕާޓީގެ ޢިލްމުވެރިންވެސް، ހަމަ ކުރިން ޓްވީޓްކުރެއްވި ގޮތަށް، އެޖެންޑާ19 ގެ ލީޑަރާ ދެކޮޅަށް ޓްވީޓްކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން، ޢަދާލަތުގެ މައުޤިފަކީ، އެއްވެސް ގޮތަކަށް އޭގައި ދީނީ މަޞްލަހަތު އޮތް މައުޤިފެއް ނޫންކަން، މަސްރަހު ދިރާސާ ކުރާ ކޮންމެ މީހަކަށް އެނގި ކަށަވަރުވާނެއެވެ.

ޢަދާލަތު ޕާޓީގެ މައުގިފަކީ އަވަސް އަރުވާލައިގެން ނިންމި ނިންމުމެކެވެ. މަޖިލީހުން ގޮނޑިއެއް ނުލިބިއްޖެނަމަ، ސިޔާސީ ގޮތުން ޢަދާލަތުގެ މާބޮޑު އަގެއް ނޯންނާނެކަން އެނގޭތީވެ، އެމްޑީޕީގެ ހެޔޮފުޅުކަމުގެ ދަށުން އެންމެ ގޮނޑިއެއްވެސް ލިބޭތޯ ޖެހި ސަލާމެކެވެ. ނަމަވެސް، އެކަން ވެގެން ދިޔައީ، ޢަދާލަތު ޕާޓީގެ އަގެއް އޮތް ނަމަ، އެއޮތް އަގެއްވެސް ވެއްޓިގެން ދިޔަ ކަމަކަށެވެ.

ޢާންމު ރައްޔިތުންނަކީ މިކަހަލަ ކަންކަން މޭރުން ކުރަން އެނގޭ މީހުންނެވެ. ޢާންމު ރައްޔިތުންނަކީ، މޮޔައިންނެއް ނޫނެވެ. އެހެންކަމުން، އެންމެ ގޮނޑިއެއްގެ ބޭނުމުގައި ޕާޓީގެ ޤަދަރާއި އަގު ބައެއްގެ "ހެޔޮޕުޅު" ކަމުގެ ރަޖާގެ ތެރެއަށް ލުން ވެގެން ދިޔައީ، މަޖިލިސް އިންތިޚާބު ފެށުމުގެ ކުރިން އިންތިޚާބުން ޢަދާލަތު ފެއިލުވުން ކަމުގައެވެ.

4- ފާޅުގައި ޢަދާލަތު ޕާޓީގެ ކެނޑިޑޭޓުން އެންޑޯޒް ކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެރިވަޑައި ނުގަތުމެވެ. އެއާ އެކުވެސް، ޢަދާލަތު ކެނޑިޑޭޓުން ކެމްޕެއިން ކުރި އިރުގައި، ތިމަންނަމެނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެނޑިޑޭޓުންނޭ ބުނެ ކެމްޕެއިން ކުރުން ވެގެން ދިޔައީ ވަރަށް ނާތަހުޒީބީ ކަމަކަށެވެ. އެހެނީ، ދެ ދާއިރާ ފިޔަވައި މިއިން ކޮންމެ ދާއިރާއަކީވެސް އެމްޑީޕީގެ ކެނޑިޑޭޓުން ވާދަ ކުރަމުން ދިޔަ ދާއިރާތަކެވެ. އަދި ރައީސް ގެންދެވީ ފާޅުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި، އެމްޑީޕީގެ ކެނޑިޑޭޓުންނަކީ ރައީސްގެ ކެނޑިޑޭޓުން ކަމުގައި ފާޅުގައި ވިދާޅުވަމުންނެވެ.

އެހެން އެކަން އޮތްވާ، ޢަދާލަތު ޕާޓީގެ ކެނޑިޑޭޓުން އެއާ މުޅިން ޚިލާފު ވާހަކައެއް ދައްކަވަމުން ގެންދެވުމަކީ، އެބޭފުޅުންގެ ތެދުވެރިކަމާމެދު ސުވާލު އުފެދެން ދިމާވި ކަމެކެވެ. ވޯޓު ހޯއްދެވުމުގެ ދަހިވެތިކަމުގައި ދައްކަވަމުން ގެންދަވާ ވާހަކައަކަށް ނޫނީ އެކަން ރައްޔިތުންނަށް ބަލައިގަންނަ ފަސޭހައެއް ނުވިއެވެ. އެހެނީ، ރައީސްގެ ޢަމަލާއި ބަހުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ގެންދެވީ ކެމްޕެއިން ކުރައްވަމުންނެވެ.

5- އެމްޑީޕީން ޢަދާލަތު ޕާޓީއަށް އެންމެ ފަހު ވަޤުތު ޣައްދާރުވެރިވުމެވެ. ބައެއް ދާއިރާތައް އެންމެ ފަހު ވަޤުތުވެސް ދޫކޮށްލާނެ ކަމަށް އެމްޑީޕީން ސިއްރިޔާތުގައި ދިޔައީ ޢަދާލަތު ޕާޓީއަށް އަންގަމުންނެވެ. ކެލާ ދާއިރާ ޢަދާލަތު ޕާޓީން ވޯޓުލާން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ދޫކޮށްލީވެސް، އަޑިއަޑިން މިފަދަ ވާހަކަތަކެއް ދެކެވިގެން ކަމަށް ޚަބަރު ލިބެއެވެ. ޚަބަރު ލިބޭ ގޮތުން، ޢަދާލަތުން އެންމެ މަސައްކަތް ކުރަމުން ދިޔައީ، އަނާރާ ގޮނޑިއާއި، ޘަޤީފް ގޮނޑި ލިބޭތޯއެވެ. އަދި އެމްޑީޕީގެ ފަރާތުން އެ ދެ ގޮނޑި ލިބޭނެ ކަމުގެ އިޝާރާތްތަކެއްވެސް ދިޔައީ ލިބެމުންނެވެ. ނަމަވެސް އެކަމެއް އެގޮތަކަށް ނުހިނގިއެވެ. އެމްޑީޕީން ޢަދާލަތު ޕާޓީއަށް އަނެއްކާވެސް ޚިޔާނާތްތެރިވީއެވެ. އަޑިއަޑިން ގޮނޑި ދޫކޮށްދޭން ބުނެ ކުރި ވަޢުދުތައް އުވާލައި، އަޑިއަޑިން ކޮޅުފައިން ޖެހީއެވެ.

6- އެމްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ނުލިބެއްޖެނަމަ، ބަޣާވާތެއް ކޮށްފާނެ ކަމުގެ ބިރު އެމްޑީޕީގެ މެމްބަރުންގެ ހިތުގައި އެމްޑީޕީން ދިޔައީ އުފައްދުމެވެ.

ޢަދާލަތު ޕާޓީއަށް ވޯޓު ނުލިބި، އެމްޑީޕީ ކެނޑިޑޭޓުންނަށް ވޯޓު ލިބުމުގެ އެއް ސަބަބަކަށްވެފައި ވަނީ އިސްވެ މިދެންނެވި ސަބަބެވެ. އެމްޑީޕީ ވެރިކަމުން ވެއްޓުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް މިހާރުވެސް އެބައިމީހުން ދެކެމުން ދަނީ، ޢަދާލަތު ޕާޓީއެވެ. ޚާއްޞަކޮށް ޢަދާލަތު ޕާޓީގެ ރައީސެވެ. އެހެންކަމުން، އެފަދަ އިތުރު "ރިސްކެއް" ނަގަން މިފަހަރު އެމްޑީޕީން އޮތީ ތައްޔާރަކަށް ނޫނެވެ.

7- އިންތިޚާބުގައި ޢަދާލަތު ޕާޓީއާއި އެމްޑީޕީގެވެސް ބޭނުމަކަށް ވެފައި އޮތީ، ސަރުކާރަށް އަޣުލަބިއްޔަތު ހޯދައި ދިނުމެވެ.

އެހެންކަމަށް ވާނަމަ، ސީދާ ކޯލިޝަން މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓަކު ހުއްޓާ، ކުޑަ ޕާޓީއެއް ކަމަށްވާ، ޢަދާލަތު ޕާޓީއަށް ވޯޓު ދިނުމުގެ މާނައެއް ނެތެވެ. ސީދާ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ ކެނޑިޑޭޓަށް (ރައީސްގެ ބަސްފުޅުންނަމަ، ރައީސްގެ ކެނޑިޑޭޓަށް) ވޯޓު ދިނުމުން އެކަން ފުދުނީއެވެ.

މިހިސާބުން މިލިޔުން ނިންމާލަށް ގަސްތު ކުރަމެވެ. މީގެ އިތުރުންވެސް ގިނަ ވާހަކަތަކެއް ދެއްކިދާނެއެވެ. ނަމަވެސް، މައިގަނޑު ގޮތެއްގައި، ޢަދާލަތު ޕާޓީއަށް މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވި ނުކުތާތަކަށް ބަލައިލެވިއްޖެއެވެ.

އެއްގޮތަކުން، އެންމެ ގޮނޑިއެއްވެސް ޢަދާލަތު ޕާޓީއަށް ނުލިބުމަކީ ހެވެކެވެ. އެހެނީ، މިހާރު އެވަނީ ވިސްނަން މަޖުބޫރު ވެފައެވެ. އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް، ބުނެވޭނެއެވެ. ތިމަންނަމެންގެ ސައިޒަކީ އެއީއެވެ. ކުރީ އިންތިޚާބުގައިވެސް ލިބުނީ އެއް ގޮނޑިއެވެ. އަލްޙަމްދު لله ، އެ ގޮނޑި މިފަހަރުވެސް ލިބިއްޖެއެވެ. ނަމަވެސް މިހާރު އެހެން ބުނެވޭކަށް ނެތެވެ. ގޯސްތަކެއް ހެދިއްޖެކަން މަޖުބޫރުން ނަމަވެސް މިހާރު ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ.

ދުޢާއަކީ، ޢަދާލަތު ޕާޓީއިން މިކަންކަން އިޞްލާޙުކޮށް، އެޕާޓީގެ އަސްލު އުޞޫލުތަކަށް ރުޖޫޢަވެ، އިތުރަށް ޕާޓީ ހަރުދަނާ ކުރުމުގެ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...