ޖަލުގެ ދަތިކަން ހައްލުކުރެވޭނީ ކުރީގެ ސަރުކާރުގެ ދެ ޕްރޮޖެކްޓް ތައާރަފުކޮށްގެން: އުމަރު
ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެ ޕްރޮޖެކްޓެއް ތައާރަފުކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، ޖަލުތައް ފުރުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭ މާފުށީ ޖަލަކީ 1300 އެއްހާ ގައިދީންގެ ޖާގައިގެ ޖަލަކަށްވީއިރު، އެ ތަނުގައި 2000 އަށްވުރެ ގިނަ ގައިދީން ބަންދުކޮށްފައި އެބަ ތިބި ކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވި އެވެ.
އިމްރާންގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެކަންކަން ހައްލު ކުރުމަށްޓަކައި އާދައިގެ ކުށްވެރިން ގެންގުޅުމަށް ރާވައިލެވޭ ޖަލެއް ޗައިނާއިން އޯޑަރު ކޮށްގެން ކުރީގެ ސަރުކާރުން ގެނެސްފައިވާ ކަަމަށެވެ. އަދި ކުރީގެ ސަރުކާރުން އިލެކްޓްރޯނިކް ޓެގް ތައާރަފްކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
މި ދެ ޕްރޮޖެކްޓް ކުރިޔަށްގެންގޮސްގެން ނޫނީ ޖަލުތައް ފުރުމުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން ކުރަނީ އެގޮތަށް ކަމަށެވެ.
އުމަރު މިހެން ވިދާޅުވި އިރު ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމުވެސް މިއަދު ވިދާޅުވެފައިވަނީ، ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ރީހެބިލިޓޭޝަނަށް އިސްކަންދެއްވައި އަދި ކުށްތައް ކޮންޓްރޯލް ކުރުމުގެ ޕޮލިސީތަކަށް އިސްކަންދިނުން މުހިންމު ކަމަށެވެ. އަދި އެ ޕޮލިސީތައް ތަންފީޒު ކުރެއްވުމަށް ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނަށް ނާޒިމް އިލްތިމާސް ކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް