އަމިއްލަގޮތުން ކުނި ނަގާ ފަރާތްތަކުގެ ކުނި އުކާލަދޭ ފީ ވެމްކޯއިން ބޮޑުކުރަނީ
މާލޭ ސަރަހައްދުގައި ވިޔަފާރި އުސޫލުން ކުނި ނަގައި އުކާލާ އެހެނިހެން ފަރާތްތަކުގެ ކުނި ތިލަފުއްޓަށް ގެންދިއުމަށް ވެމްކޯއިން ނަގާ ފީ އަގުބޮޑުކޮށްފިއެެވެ.
އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ވަންނަމުންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ވެމްކޯގެ ވިޔަފާރި މަސްލަހަތަށް ކަމުގައި ފާހަގަކުރާ ކަމަށާއި އަދި މި ކޯޕަރޭޝަންގެ ވިޔަފާރި މަސްލަހަތަށް ވަންނަ ކޮންމެ ފަރާތަކާއި މެދު، ކުރިޔަށް އޮތްތަނުގައި ވެސް މި ކޯޕަރޭޝަންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަމުންދާނެކަމަށެވެ.
މާލެ ސަރަހައްދުގެ ކުނި ނެގުމާއި، އެކުނި ތިލަފުއްޓަށް ކަނޑުމަގުން އުފުލުމާއި، ތިލަފުށީގައިވާ އެ ކޯޕަރޭޝަނުގެ ވޭސްޓް ޑިސްޕޯސަލް ފެސިލިޓީ އަށް ގެންދިޔުމުގެ އިތުރުން، ތިލަފުށީގައި އެކުނި މެނޭޖްކުރުމަކީ ބޮޑު ޙަރަދެއް ހިނގާ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޤަވާއިދާއި ހިލާފަށް މި ހިދުމަތް އެހެން ފަރާތްތަކުން ދެމުންދާތީ ދެމެހެއްޓެނިވި އުސޫލެއްގައި ކުނިމެނޭޖްކުރުމަށް ގިނަގުނަ ހުރަސްތަކެއް އެޅިގެންދާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން 2 އޭޕްރިލް 2019 ވަނަ ދުވަހުން ފެށިގެން، މަތީގައި ބަޔާންކުރެވުނު ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއް ގޮތުން، އެ ކޯޕަރޭޝަނުގެ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން މިފަދަ އުޅަނދުތަކަށް ކުނި އުކާލަދޭ ގޭޓް ފީގެ އަގުތަކަށް ވަނީ ބަދަލުގެނެވިފައެވެ.
އެގޮތުން ވެމްކޯގެ މާލެ އަދި ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން މިފަދަ އުޅަނދުތަކަށް ކުނި އުކާލެވޭނީ، ގޭޓްފީގެ ގޮތުގައި ޓަނަކަށް 750.00ރ (ޖީއެސްޓީ ނުހިމަނާ) ރުފިޔާ ދެއްކުމަށްފަހުގައިކަމަށް ވަނީ ބުނެފައެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ކުނި އުފުލައިގެން ގެންނަ އުޅަނދުގެ ބަރުދަނަށް (ޓަނޭޖަަށް) ބަލައި ނަގުުދު ފައިސާއިން ކަމުގައި ވެމްކޯއިން މައުލޫމާތުދެއެވެ.
އަދި، މިގޮތަށް ވިޔަފާރި އުސޫލުންނާއި ޤަވާއިދުން ކުނިނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، މި މުއްދަތުގެ ތެރޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއިން ހިދުމަތް ހޯއްދަވާ ކޮންމެ ފަހަރަކު، މި ފީނެގުމަށް ވަނީ ހަަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް