އެމްޑީއެން އުވާލުމަށް ރައީސް ޞާލިހަށް ގޮވާލާ ޕެޓިޝަނަށް ފަނަރަހާހާ ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފި
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލާގައި އެ ޖަމިއްޔާ ރާއްޖޭގައި ހަރަކާތްތެރިވުން މަނާކުރުމަށް ގޮވާލާ މީހުންގެ އަދަދު 15،000 ގާތްކޮށްފިއެވެ.
އޮންލައިން ޕެޓިޝަން ފްލެޓްފޯމް ކަމުގައިވާ ޗޭންޖެ.އޯގް ގައި އެމްޑީއެން އާއި ދެކޮޅަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށް ރައީސް ސޯލިހަށް ގޮވާލައި ހަދާފައިވާ ޕެޓިޝަނުގައި މިހާތަނަށް 15،000 ގާތްކުރާ އަދަދަކަށް މީހުންވަނީ ސޮއިކޮށްފައެވެ.
"ޤުރުއާން އަށް ފާޑުކިޔާ، ރަސޫލާ (ޝއވ) އަށް ފުރައްސާރަ ކޮށް އިސްލާމް ދީނަށް އިހާނެތިކޮށް ބަސް ބުނާ ލާދީނީ އެމްޑީއެން އުވާލުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލަން! އެމްޑީއެން ވަނީ ޤާނޫނު އަސާސީއާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ޤާއޫނާ، ޤާނޫނުލް އުޤޫބާތާއި ޖަމިއްޔާ ތަކާ ބެހޭ ޤާނޫނާ ޚިލާފުވެފަ އެ ޖަމިއްޔާ އުވާނުލެވޭނަމަ އެއީ ޣައިރު ޤާނޫނީ އެހެން ޖަމާ އަތްތަކަށް ވެސް ދެވޭ ފުރުސަތެއް" ޕެޓިޝަންގެ ތައާރަފްގައި ލިޔެފައިވެއެވެ.
އެމްޑީއެން ދީނަށް ފުރައްސާރަކުރި މައްސަލާގައި މިހާތަނަށް އެ ޖަމިއްޔާގެ އިސްފަރާތްތައް ފުލުހަށް ހާޒިރުކުރެވިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މިހާރުގެ ޕޮލިސް ކޮމިޝަނަރ ބޯޑް މެންބަރުކަން ކުރެއްވި އެމްޑީއެންގެ އިސް ފަރާތެއް ވަނީ ރައީސް ޞާލިހްގެ ސަރުކާރުގެ ދީނީ ކަންކަމާ، ހައްދުފަހަނަޅައި ދިއުމޭ ބެހޭ މުހިންމު ކޮމިޓީ މެންބަރުކަން ދެއްވާފައެވެ. އަދި މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ގާޒީ ސުޖޫންއަކީ ވެސް މި ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއްކަމުން ޢަންމުން އަންނަނީ ސަރުކާރުން މިމައްސަލާގައި ފަހަތުފަޔަށް ބުރަވެފައިކަމަށް ބުނެ ފާޑުވިދާޅުވަމުންނެވެ.
މިމައްސަލާގައި ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައިކަމަށް އެ މިނިސްޓްރީން މިއަދު ވޮއިސްއަށް ވަނީ މައުލޫމާތު ދެއްވާފައެވެ. ނަމަވެސް މިހާތަނަށް އެމްޑީއެންގެ އިސްފަރާތެއް ފުލުހަށް ހާޒިރުކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
https://www.change.org/p/dhivehi-rayyithun-banmdn
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
މިއާއެކު އެމްޑީއެންގެ އިސްވެރިނަށް ގިނަ އަދަދެއްގެ ޢާންމުންނާއި، ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ފާޑުކިޔުން އަމާޒްވުމާއެކު ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ ޢާންމު ކުރާ މައްސަލަ ބަލަމުން އަންކަމަށް ފުލުހުން ހާމަކުރައްވާފައެވެ. ނަމަވެސް އެމްޑީއެމްގެ ރިޕޯޓުގައި ހިމެނިފައިވާ ނަފުރަތު އުފެދޭ ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިނުވާކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އެމްޑީއެންގެ ރިޕޯޓެއްގައި ދީނަށް ފުރައްސާރަކޮށް ލިޔެފައި ވީ ނަމަވެސް ދާދި ފަހުން ރައީސް އޮފީހަށް ކައުންޓާ ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ ގޮތުގައި އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދު ވަނީ އައްޔަން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް