ކުރީގެ ތިން ވެރިކަމުގައި ހިނގައިދިޔަ ކަންތައްތައް ބަލަނީ
ކުރީގެ ތިން ރައީސުންގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތައް ބެލުމަށް އިންތިގާލީ އިންސާފުގެ ބިލެއް އެކުލަވާލައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މި ބިލްގެ ޑްރާފްޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.
މިބިލްގައި ބެލުމަށް ހިމަނާފައިވަނީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ހިނގާދިޔަ ކަންކަމެވެ. އެ މުއްދަތުގެ ތެރޭގައި ވެރިކަމުގައި ހުންނެވި ފަރާތްތަކަކީ މުހައްމަދު ނަޝީދު، ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަދި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތުދޭގޮތުގައި މި ބިލްގެ މައިގަނޑު މަގުސަދަކީ މަތީގައި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.
އެކަން ހާސިލްކުރުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރުމަށްވެސް ބިލްގައި ހިމަނާފައިވެއެވެ. މި އޮމްބަޑްސްމަންގެ އޮފީހާއި ބޮޑެތި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވެއެވެ.
އެގޮތުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ އެފަދަ މައްސަލަތައް ދެނެގަނެ އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި ހަގީގަތާ ހަމައަށް ވާސިލްވުމާއި އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުން ހިމެނެއެވެ.
އަދި ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ އިތުރުން ކުރިއަށް އޮތް ތާންގައި އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި ކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިސްލާހުތައް ފާހަގަކުރުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.
އިންތިގާލީ އިންސާފެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެެެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް