ޕީޕީއެމާއި ގުޅުމަށް ޖޭޕީ ކައުންސިލްގައި ވޯޓެއް ނުނަގާ: އަލީ ވަހީދު
ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނާއި ގުޅުމަށް ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީގެ ކައުންސިލްގައި ވޯޓަކަށް އެހުމަކާއި ނުލައި ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައި ވަނީ ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ރޭ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމުގައިވާ އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެބޭފުޅާ އާއި ގާސިމް އިބްރާހިމާއި މައްސަލައެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީ އާއި ކުރީ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އެކަމަށް ވެސް އަލީ ވަހީދު ވަނީ ފާޑުވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅވި ގޮތުގައި ޕާޓީއާއި އެހެން ބޭފުޅުން ގުޅިވަޑައިގެންނެވިޔަސް އެކަމަށް މަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެހެން ނަމަވެސް އަމިއްލަ ނިންމުން ނިންމުމުގެ ބާރު ޖޭޕީ އަށް އޮންނަން ޖެހޭނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި އިރު ގާސިމް އިބްރާހިމްގެ ކިބައިން ދެކަމަށް އޭނާ ވާނީ އެދިވަޑައިގެންފައެވެ. އޭގެ ތެރެއިން އެއްކަމަކީ އެމްޑީޕީގައި ކޮޅުފައިން ނުޖެހުން ކަމަށާއި ދެވަނަ ކަމަކީ ބޭނުން އެއްޗެއް ބުނުމުގެ ފުރުސަތު ޖޭޕީގެ ތެރެއިން އޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް