ސީލައިފްގެ ފްލެޓްތަކަށް ފައިސާ ދެއްކި މީހުން ހައްގުތައް ހޯދަން މަގުމައްޗަށް!
ހުުޅުމާލޭގައި އެޅުމަށް ސީލައިފް ގްލޯބަލް ކިޔާ ކުންފުންޏަކަށް ހަވާލުކުރި ހައުސިންގް ޔުނިޓްތައް ނޭޅި ލަސްވެފައިވާތީ، އެ ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކުން އެފަރާތްތަކުގެ ހައްގުތައް ހޯދުމަށް ހުޅުމާލޭގައިި ހިނގާލުމެއް ބާއްވައިފިއެވެ.
މި ހިނގާލުން ބާއްވާފައިވަނީ މިއަދު ހަވީރު އެޗްޑީސީގެ މައި އޮފީހުން ފެށިގެން ސީލައިފް ފްލެޓްތައް އަޅަން ދިން ސައިޓާއި ހަމައަށެވެ.
މި ހިނގާލުމުގައި ވަނީ ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކާއި، ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް އާންމުން ބައިވެރިވެފައެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ އެޗްޑީސީއާއި، ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) އަދި ކުރީ ސަރުކާރުގެ އިސްފަރާތްތަކަށް ފާޑުކިޔައި ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން އެޗްޑީސީއަށް މި މައްސަލައިގައި ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބުދާރީ ވެފައިނުވާކަން ފާހަގަކޮށް، މިއީ ކުރީގެ ސަރުކާރުގެ ފަރާތްތަކާއި އައްމަޓީ ގުޅިގެން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެ ފަރާތްތަކުން ވަނީ މި މައްސަލައިގައި އިންސާފު ހޯދުން ލަސްެވެފައިވަނީ މިކަމާއި ގުޅިގެންކަމަށް ތުހުމަތުކޮށްފައެވެ. އަދި އައްމަޓީ ހައްޔަރުކޮށްގެން ވީހާވެސް އަވަހަކަށް މާލެއަށް ގެނައުމަށްވެސް ވަނީ ގޮވާލާފައެވެ.
މިއަދުގެ މި ހަަރަކާތް ނިންމާލުމަށް އެފަރާތްތަކުން ވަނީ ސީލައިފްގެ ސައިޓަށް ގޮސް، ހިނގާލުމުގައި ގެންގުޅުނު ބެނާރތަކާއި ބޯޑުތައް އެ ސައިޓުގައި ހަރުކޮށްފައެވެ. އެވަގުތުގައި ހުޅުމާލެ ދާއިރާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒު ވަނީ އެ ހިނގާލުމުގެ ބައިވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެެވެ.

ނިޔާޒު ވިދާޅުވީ އެތަނަށް އައީ ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ވާހަކަތަކާއި އެދުންތައް އެހުމަށްޓަކައި ކަމަށެވެ. އަދި ކެމްޕެއިންގެ ދުވަސްވަރުގައިވެސް ވަރަށް ބޮޑަށް މި މައްސަލައިގެ ޝަކުވާތައް ލިބިވަޑައިގެންނެވިކަމަށް ނިޔާޒު ފާހަގަކުރެއްވިއެވެ.
އެބޭފުޅާ ވަނީ މި މައްސަލައިގައި ސަރުކާރުގެ އިހުމާލެއް އޮތްތޯ ބަލައިދީ، އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް