ދަފުތަރުގައި ގިނަ ބަޔަކު ތަކުރާރުވެފައި އެބަހުރި، މިއީ ބޮޑު މައްސަލައެއް: އީސީ
ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ ދާއިރާތަކަށް ދަފްތަރުގެ މީހުން ބަހާފައިވާ ގޮތް ބެލިއިރު، އެކަކަށް ތަފާތު ގިނަ ނަމްބަރު ދީފައި އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިހެން ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުމުގައެވެ.
ދަފްތަރުގެ އާބާދީގަ އެބައުޅޭ ގާތްގަނޑަކަށް ދަފްތަރުގައި ތިބި މީހުން ދާއިރާތަކަށް ބެހި އިރު، 25 އާ 30 ހާއި ދެމެދުގެ އަދަދަކަށް ތަކުރާރުވެފައި އެބަހުރި ކަމަށް ޝަރީފު ވިދާޅުވިއެވެ.
''ވާހަކައަކީ، އެއްމީހަކަށް ތަފާތު ނަމްބަރު ތަކެއްދީފަ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓް އެކުލަވައިލާއިރު އެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވާނެއެވެ. އެހެންކަމުން ވޯޓާސް ލިސްޓް ފައިނަލް ކުރާ މަރުހަލާގައި ސިޓީ ކައުންސިލާއި ޑީއެންއާރް ގުޅިގެން ތަކުރާރުވެފައި ހުރި މައްސަލަތައް ބަލާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ދަފްތަރުގެ ލިސްޓު މިއަދު ހާމަކުރުމަށް ގަސްދުކުރާކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ދާއިރާތަކަށް ދަފްތަރުގައި ހިމެނޭ ފަރާތްތައް ބަހާފައިވާގޮތްވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލު އިންތިހާބުގައި ކުރިއާއި ހިލާފަށް ގިނަ ވޯޓް ކަރުދާސް ޗާޕުކުރަންޖެހޭ ކަމަށް މީގެކުރިން އިލެކްޝަނުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅޭ ގޮތުން މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، އިލެކްޝަނުން ބުނެފައިވަނީ ވޯޓް ކަރުދާސް ޗާޕްކުރާ އަދަދު މަދުކުރުމަށްޓަކައި ކޮމިޝަންގައި މަޝްވަރާތަކެއް ހިނގަމުންދާ ކަމަށެވެ.
ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި 1،194،826 ވޯޓް ކަރުދާސް ކޮޅު ޗާޕް ކުރުމަށެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އިންތިހާބު ތަކުގައި ޗާޕްކޮށްފައިވަނީ ހަތަރު ލައްކައެއްހާ ވޯޓް ކަރުދާސް ކޮޅެވެ..
ކޮމިޝަނުން ލަފާކުރާ ގޮތުގައި 1.1 މިލިއަން ވޯޓް ކަރުދާސް ޗާޕް ކުރަން 11 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އެހެންވެ ވޯޓް ކަރުދާސް މަދުކުރެވެނެ ގޮތަކަށް މަޝްވަރާކުރާ ކަމަށް އީސީން ބުނެއެވެ.
ކުރީގެ އިންތިހާބުތަކާއި ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޗާޕްކުރާ ވޯޓް ކަރުދާހުގެ އަދަދު ގިނަވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްރަށުގައި ވޯޓްލާއިރު ކޮންމެ މީހަކު ވެސް ފަސް ވޯޓް ކަރުދާހަކަށް ވޯޓް ލާން ޖެހޭތީ އެވެ.
އެއީ ރަށު ކައުންސިލް ރައީސް، ރަށު ކައުންސިލް މެމްބަރުން، ރަށު ކައުންސިލްގެ އަންހެން މެމްބަރުން، އަތޮޅު ކައުންސިލަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށެވެ.
މިހާރު އޮތް ގޮތުން ނަމަ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެއް ކަރުދާހުގައި ފަސް ކަމަކަށް ވޯޓް ލާނެއެވެ. އެހެންކަމުން ވޯޓް ކަރުދާސް ކޮޅެއްގައި ކުރެހުމެއް ކުރަހައިފިނަމަ ހުރިހާ ވޯޓެއް ބާތިލުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް