ހުއްދަ ބާތިލްކޮށްފައިވާ މުހައްމަދު ހަސަން ރާއްޖޭގެ މަޝްހޫރު އިލްމުވެރިންނަށް ތުހުމަތުތަކެއް!
އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާ ގދ.ތިނަދޫ ރެޑްސީ އައްޝައިޚް މުހައްމަދު ހަސަން ދިވެހިރާއްޖޭގެ މަޝްހޫރު ގިނަ ދީނީ އިލްމުވެރިންތަކެއްގެ މައްޗަށް ނިރުބަވެރިކަމަށް ވާގިވެރިވާކަމުގެ ތުހުމަތުކޮށްފިއެވެ.
މިފަދައިން ތުހުމަތުކޮށްފައިވަނީ ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ހަސަން ވިދާޅުވީ ދިވެހިރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފެތުުރުމަށް މަސައްކަތްކުރާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެއީ އެބޭފުޅާ އަދި މަކްތަބާ ސަލަފިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ނޫންކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.
މަކްތަބާ ސަލަފިއްޔާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ޖަމިއްޔާއެއް ނޫންކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް މިއަދުގެ ޕްރެސްއާއި މުހައްމަދު ހަސަންގެ ފަރާތުން މައުލޫމާތު ފަތުރަމުން ގެންދަނީ މި ނަން ބޭނުންކޮށްގެންނެވެ.
މުހައްމަދު ހަސަން ވިދާޅުވީ 2009ވަނަ އަހަރުން ފެށިގެން އެބޭފުޅާ ދަނީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރަމުން ކަމަށާއި، އެއީ އެބޭފުޅާއާއި މަކްތަބާ ސަލަފިއްޔާއިން "ދަންނަވެސް އެއްޗެއް ނޫން" ކަމަށެވެ.
މި ބައްދަލުވުމުގައި ޝައިޚް މުހައްމަދު ހަސަން ވަނީ ޕްްރެޒެންޓޭޝަނެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ މަޝްހޫރު އިލްމުވެރިންތަކެއް ނިރުބަވެރިކަމަށް ވާގިވެރިވާގޮތަށް އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވެފައިވާ ބަސްތައް މީޑިޔާއަށް ދައްކައި، ހަގީީގީ ހަރުކަށި ފިކުރުގެ ފަރާތްތަކަކީ އެއީކަމަށް ބުނެފައެވެ.
ދީނީ އިލްމުވެންނަބޭކަލުންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކާއި މުޖުތަމައުގައި ބައިބައިވުމާއި ފިތުނައަށް މަގުފަހިވާކަމަށް ބުނެ އޭނާއަށް ދީފައިވާ ހުއްދަ ބާތިލްކުރި ތާ ދެވަނަ ދުވަހުއެވެ.
މުހައްމަދު ހަސަން އިލްމުވެރިންނަށް ކުރި ތުހުމަތުގެ ތެރޭގައި އުސާމާ ބިން ލާދިނަށް ތާއިދުކޮށް ރާއްޖެއިސްލާމް ކިޔާ ވެބްސައިޓެއްގައި ޑރ.އިޔާޒް އަބްދުއްލަތީފް ލިޔުއްވި ކަމަށް ބުނާ ލިޔުމަކާއި، ފިދާއީ ހަމަލާއާއި ގުޅޭގޮތުން ޝައިޚް އާދަމް ޝަމީމް ލިޔުނު ކަމަށް ބުނާ ލިޔުމެއްގެ މިސާލު ވަނީ މިއަދު ދައްކާފައެވެ. އަދި މީގެ އިތުރުން ފްރާންސްގެ ޗާލީ ހެބްދޯ ނޫހަށް ދިން ހަމަލާއަށް ތައުރީފްކޮށް ސަލަފް ޖަމިއްޔާގެ ރައީސް ކުރެއްވިކަމަށް ބުނާ ޓްވީޓެއްވެސް މިއަދުގެ ބައްދަލުވުމުގައި ދައްކާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމިކް މިނިސްޓްރީން މުހައްމަދު ހަސަންގެ ލައިސަންސް ސަސްޕެންޑްކުރުމަށް ނިންމީ އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުން އުފެދޭނެހެން ވާހަކަދެއްކުމާއި، ދީނީ އިލްމުވެރިންނާއި މެދު ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި، ދަންނަ ބޭކަލުންގެ އިޖްމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭ ގޮތަކީ ދީނުގައި ހަމައެކަނި އޮތްގޮތްކަމަށް ހަދައި، އެގޮތަށް ބާރުއަޅައި ވާހަކަ ދައްކައި، ސޯޝަލް މީޑިޔާގައި މައުލޫމާތު ފަތުރަމުންދާތީ ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް