އެކުވެރި ދައުލަތްތަކުގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ ހޮވުމަކީ ލިބުނު ފަޚުރެއް: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެކުވެރި ދައުލަތްތަކުގެ ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ 2026 އިން 2030 އަށް ކުރިއަށްދާ އެ ކޮމިޝަންގެ ދައުރަށް ރާއްޖެ އިންތިޚާބުވުމާއި ގުޅިގެން އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނުގެ މި ޕޯސްޓުގައި، އެ ކޮމިޝަނަށް ދެން އިންތިޚާބުވި އިތުރު ޤައުމުތަކަށް މަރުޚަބާ ދަންނަވާ، އަންހެނުންގެ ޙައްޤުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ވޭތުވެދިޔަ އަހަރުތަކުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ހައްޤުތަކާއި ދަރަޖަ ކުރިއެރުވުމުގެ މަގުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދައިފާވާކަމުގައި ވިދާޅުވިއެވެ.
އަދި މި މަގުގައި ދިވެހިރާއްޖެއިން އެންމެހައި ބައިވެރިންނާ ގުޅިގެން މަސައްކަތްކޮށް ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ޝާމިލުކަން ބޮޑު މުސްތަޤުބަލަކަށް ވާސިލުވުމަށް އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް