ޑައުންސިންޑްރޮމް ކުއްޖަކަށްވުމުން ފަސް ސުކޫލަކުން މި ދަރިފުޅަށް ފުރުސަތެއް ނުދިން؛ ރައީސް ވިދާޅުވީ މައްސަލަ ބަލާނެ ކަމަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޑައުންސިންޑްރޮމް ކުއްޖަކަށްވުމުން ފަސް ސުކޫލަކުން ފުރުސަތުދޭން ދެކޮޅު ހެދިކަން ފާހަގަކޮށް އެ ކުއްޖާގެ ބެލެނިވެރިޔާ ހިއްސާކުރި މައުލޫމާތާއި ގުޅިގެން އެކަން ބަލާ, ހަމަހަމަ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރައްވަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ ބެލެނިވެރިއަކު ހިއްސާކުރި ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފަ އެވެ.
ބައިގަޑިއެއްހާއިރު ވަންދެން ކުއްޖާގެ ބެލެނިވެރިޔާ ވަނީ އެކި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެއް ކަންބޮޑުވުމަކީ ތައުލީމީ ނިޒާމުގައި އެފަދަ ކުދީންނަށް ހަމަހަމަ ފުރުސަތު ނެތުމެވެ. ކުއްޖާގެ ބެލެނިވެރިޔާ ފާތިމަތު ފައިރޫޒާ އާދަމް ބުނީ އޭނާގެ ދަރިފުޅަކީ ޑައުންސިންޑްރޮމް ކުއްޖަކަށްވުމުން ފަސް ސުކޫލަކުން ފުރުސަތުދޭން ދެކޮޅު ހެދި ކަމަށެވެ.
އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކަށް އެޑްރެސް ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކުއްޖާގެ ބެލެނިވެރިޔާ ވަނީ ތެރަޕީ ނެގުމާއި ބޯހިޔާވަހިކަން ލިބުމުގައި ހުރި ދަތިތައް ވެސް ހިއްސާކޮށްފަ އެވެ. ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް