އިންކަމް ޓެކްސް ބިލާއި މެދު މަޖިލިސް މެންބަރުންގެ ކަންބޮޑުވުން!
ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ އިންކަމް ޓެކްސްގެ ބިލާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ވަނީ މިހާރު އެ ބިލް ހުށައެޅިފައިވާ ގޮތުން އިންކަމް ޓެކްސް ނެގުމުގެ ސަބަބުން އާމްދަނީގެ މިންވަރު ދަށް ފަރާތްތަކުގެ ހައްގަށް އުނިކަން އަންކަމަށް ވިދާޅުވެ، އެ ބިލް މިހާރު އޮތް ގޮތް ބަދަލުކުރުމަށް ގޮވާލާފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ މިހާރުގެ ބިލްގައި އޮތްގޮތަށް 40000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަކީ އެމްޑީޕީގެ އެޖެންޑާ19އާއި ޚިލާފުކަމެއް ކަމަށެވެ.
އެގޮތުން މީކާއިލް ފާހަަގަކުރެއްވި ގޮތުގައި އެޖެންޑާ19ގައި ހިމަނާފައި އޮތީ 60،000 އިން މަތިން ލިބޭފަރާތްތަކުގެ އަތުން 3.5 ޕަސެންޓު ޓެކްސް ނަގާނެކަމަށެވެ.
މީގެ އިތުރުން މީކާއިލް ވަނީ އިންކަމް ޓެކްސް ނަގަން ފެށުމާއި އެކު ޑިވިޑެންޓް ޓެކްސް ނެގުން ހުއްޓާލުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެބޭފުޅާ ވިދާޅުވީ ވިޔަފާރިތަކަކީ ގާނޫނީ ވަކި ޝަޚުސިއްޔަތެއް ކަމުގައިވާއިރު، އިންކަމް ޓެކްސް ނެގޭ ފަރާތްތަކުގެ އަތުން ޑިވިޑެންޓް ޓެކްސް ނުނެގުމަކީ އިޖުތިމާއީ އަދާލަތު ގާއިމް ކުރުމުގެ މުޅި މަހުފޫމް ދުއްވާލުންކަމަށެވެ.
"އިންކަމް ޓެކްސްއެއް ރާއްޖޭގައި ނެގުމުގެ މައިގަނޑު ބޭނުމެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނޭ ޑިވިޑެންޑުން ޓެކްސް ނުނަގާ ކަމަށް ވަންޏާ،"، މީކާއިލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް