ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީ ކުރުމަށް ނިންމައިފި
ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި އޭސީ ހަރުކުރައްވާނެކަަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސަން"އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި މިސްކިތްތައް އޭސީކުރަން ބެލިއިރު، ވިސްނާފައިވާނީ އަތޮޅު ތެރޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ މިސްކިތްތަކަށް ކަމަށެވެ. އެގޮތުން 25 މިސްކިތެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 12 މިސްކިތެއް އޭސީކުރުމުގެ މަސައްކަތް މިއަހަރު ހަވާލުކުރެވޭވަރު ވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޑރ.ޒާހިރު ވަނީ ބަޖެޓް ތަންދޭ މިންވަރަކުން ބާކީ ހުރި މިސްކިތްތައް އޭސީކުރަން ބޭނުންވާ ފައިސާ ބަޖެޓުގައި ޖެހުމަށް އެދޭނެކަމަށްވެސް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ތެރޭގައިވެސް ވަނީ ބައެއް މިސްކިތްތައް އިޔާދަކުރަނިވި ހަކަތައިގެ އަލީގައި އޭސީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް