ގދ.ހޯނޑެއްދޫ ސްކޫލްގެ ކުއްޖަކަށް އަނިޔާވި މައްސަލައެއް ފެންމަތިވެއްޖެ
ގދ.ހޯނޑެއްދޫ ސްކޫލްގެ ގްރޭޑް ތިނެއްގައި ތައުލީމް ހާސިލްކުރަމުންދިޔަ ކުއްޖަކަށް ސްކޫލް ތެރޭގައި ލިބުނު އަނިޔާއަކާއި ގުޅިގެން ލޯމަތި ފަޅައިގެން ގޮސްފިއެވެ.
މި ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދަނީ ހަލުވި މިނެއްގައި ފެތުރެމުންނެވެ. މި ފޮޓޯތައް ލުމަށްފަހު ބުނެފައިވަނީ މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާ ކަމަށާއި މިއީ ސްކޫލަށް ގޮސްގެން އަނިޔާ ލިބުނު ފުރަތަމަ ފަހަރު ނޫންކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ސްކޫލަށް މައްސަލަ ޖައްސާ ކޮންމެ ފަހަރަކު އެއީ ކުޑަކުދިން އުޅޭގޮތް ކަމަށާއި ބެލެެނިވެރިޔާއަށް އެންގުމުން އެއީ މަޖަލަކަށް ކުރާކަމެއްގެ ގޮތުގައި ބުނެފައިވާކަމަށް އެ ފޭސްބުކް ޕޯސްޓްގައިވެއެވެ.

މިކަމާއި ގުޅޭގޮތުން ވޮއިސްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މިދުހަތު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ޓީޗަރުގެ ބެލުމުގެ ދަށުން ދަރިވަރުންތައް ގޭމެއް ކުޅެނިކޮށެވެ. އެގޮތުން އަނިޔާވި ކުއްޖާ ދުވެފައި ދަނިކޮށް އެ ކުއްޖާ ފަހަތުން ކޮއްޕާލުމުން ގޮސް ޖެހުނީ ރާނާފައިވާ ގާފޮޅެއްގައި ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
މިދުހަތު ވިދާޅުވީ ދަރިވަރާއި މެދު ފިޔަވަޅު ނާޅާކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށާއި އެ ދަރިވަރަށް ޓައިމް އައުޓް ދިނުންފަދަ ކަންކަން ކޮށްފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް