އެންމެ ގިނަ މިސްކިތް އެއްފަހަރާ އެޅި ވެރިއަކީ އަޅުގަނޑު: ރައީސް ނަޝީދު
ދިވެހިިރާއްޖޭގެ ވެރިންގެ ތެރެއިން އެންމެގިނައިން އެއްފަހަރާ މިސްކިތް އެޅުއްވީ އެބޭފުޅާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ފުވައްމުލަކުގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ގެ އެޖެންޑާ 19 ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގައި ފައްޅި އަޅާނެ ކަމަށް ވާހަކަދެކެވެމުންދާ ކަމަށާއި އެއަށް ވުރެ ބޮޑު ބުހުތާނު ދޮގެއް މީހަކަށް ނުހެދޭނެކަމަށެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މިސްކިތް އެޅުއްވީ އެބޭފުޅާގެ ސަރުކާރުން ކަމަށް ފާހަގަކުރައްވާފައެވެ.
"އެމްޑީޕީގެ ސަރުކާރުގައި 47 މިސްކިތް އެޅި 3 އަހަރު ތެރޭގަ. ދިވެހި އެއްވެސް ވެރިއެއް ދިވެހިރާއްޖޭގައި 47 މިސްކިތް އެއްފަހަރާ އަޅާފައި ނުވާނެ، ރައީސް މައުމޫނުގެ ދިގު 30 އަހަރު ވެސް. އަޅުގަނޑުމެން 3 އަހަރު ތެރޭގަ 47 މިސްކިތް އެޅިން، އެ ބޭފުޅުން އެ ވިދާޅުވަނީ އަޅުގަނޑުމެން ފައްޅި ހުޅުވާނޭ"، ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެއްވެސް މީހަކަށް އަނެކާއާ ދިމާލަށް ކާފަރަކޭ ނުވަތަ ލާދީނީ އޭ ނުބުނެވޭނެ ކަމަށާއި އެއީ އިސްލާމް ދީނުގައި މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް