ރައީސް، ޗައިނާގެ ރައީސްގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަންނަވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، އިންތިޒާމުކުރެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަންނަވައިފި އެވެ.
މި ޖާފަތް ބޭއްވެވީ ޓިއަންޖިން މެއިޖިއަން ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ. މި ޖާފަތަކީ، ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި މަލްޓިލެޓެރަލް އެޖެންސީތަކުގެ އިސްވެރިންގެ ޝަރަފުގައި އިންތިޒާމު ކުރައްވާފައިވާ ޖާފަތެކެވެ.

ރައީސުލްޖުމްހޫރިއްޔާޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

މީގެ 24 އަހަރު ކުރީން 2001 ވަނަ އަހަރު އުފެދުނު އެސްސީއޯ އަކީ ޔޫރޭޝިއާ ސަރަހައްދުގައި ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް މަސައްކަތް ކުރާ މުހިންމު ސަރަހައްދީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މެމްބަރު އަދި ބައިވެރިންގެ ގޮތުގައި ހިމެނޭ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުހިންމު އިސްތިރާޖީ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް