އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ ސެޝަން ނިމިއްޖެ
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގައި ޖޫން މަހު 24އިން މިމަހު 12 ދުވަހަށް ބޭއްވުނު 41 ވަނަ ސެޝެން (41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން) ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ. މަރުކަޒުގައި މިއަދު ނިމިއްޖެއެވެ.
24 ޖޫން ގައި ފެށިގެން 3 ހަފްތާއަށް ކުރިއަށްދިޔަ 41 ވަނަ ސެޝަންގެ އެކިއެކި މަޝްވަރާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ ފަރާތުން 7 ސްޓޭޓްމަންޓްއެއް ދީފައިވެއެވެ. މީގެތެރޭގައި ސީރިއާ، މިޔަންމަރ އަދި ފަލަސްތީންގައި ހިނގަނމުންދާ އިންސާނީ ޙައްޤުތަކާއި ޚިލާފް ޢަމަލުތައް ކުށްވެރިކޮށް ވާހަކަ ދެކެވުނެވެ.
މީގެ އިތުރުން، އަންހެނުންގެ ޙައްޤުތަކާއި، މޫސުމަށް އަންނަބަދަލުތަކުގެ އިތުރުން ޖަޖުންނާއި ލޯޔަރުންގެ މިނިވަންކަން ދެމެހެއްޓުމާއި، އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މަދަނީ ޖަމިއްޔާ، ޖަމާޢަތްތައް އުފައްދާ އެކަންކަމުގައި ޙަރަކާތްތެރިވުމުގެ މިނިވަންކަމަށް ރާއްޖޭގެ ފަރާތުން ތާއީދުކޮށް ވާހަކަދެކެވުނެވެ. ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން މިސެޝަންގައި ފާސްކުރެވުނު 25 ޤަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ ޚިޔާލުހުށަހެޅިއެވެ.
މި ޤަރާރުތަކުގެ ތެރޭގައި ހިމެނޭ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ނުކުޅެދުންތެއިކަންހުންނަ މީހުންގެ އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހުށަހެޅުނު ޤަރާރާއި ޒުވާނުންގެ ޙައްޤުތައް ހޯދައިދިނުމާއި ސީރިއާގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް ފާސްކުރި ޤަރާރުވަނީ ކޯސްޕޮންސަރކޮށްފައެވެ. އަދި، ދިވެހިރާއްޖެއިންވަނީ މި ސެޝަންގައި ބޭއްވުނު ދެ ސައިޑް އިވެންޓެއް ބޭއްވުމުގައި ބައިވެރިވެފައެވެ. އެއީ، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމިއްޔާ، ޖަމާޢަތްތައް އުފައްދާ އެކަންކަމުގައި ޙަރަކާތްތެރިވުމުގެ މިނިވަންކަމުގެ ޙައްޤުތައް ކުރިއެރުވުމަށް ބޭއްވުނު އިވެންޓް އަކާއި "ލެޖިސްލޭޓިން ފޮ ޖެންޑަރ އީކުއެލިޓީ: އެލިމިނޭޓިން ޖެންޑަރ ބޭސްޑް ޑިސްކްރިމިނޭޝަން އެންޑް ވައިލެންސް"ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ 41 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނިވަޑައި ގަންނަވަނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދާއި އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޙަވްލާ އަޙްމަދު ދީދީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް